ވައްކަން ކުރި މީހާއަށް އަދަބު ދީފައި
ވައްކަން ކުރި މީހާއަށް އަދަބު ދީފައި
ރިޕޯޓް 14 Apr 2025 | 11:14

މަޖާކަމެއް ނޫން, ސީރިއަސް މައްސަލައެއް

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މިއީ ކ. މާފުށީ ގައި އިއްޔެ ހިނގި ހާދިސާ އެކެވެ. ފިހާރައަކުން މި ޒުވާނާ ވައްކަން ކުރީ އެވެ. ވައްކަން ކުރިކަން ފަޅާ އެރުމުން ބަޔަކު ނިކުމެ އޭނާއަށް އަދަބު ދިނެވެ. ކުރިމަތީ ދަވާދު ދަޅެއް ބެހެއްޓުމަށް ފަހު އެންގީ މުޅި ގާގައި އެ އުނގުޅުމަށެވެ. ވައްކަން ކުރެވުމުގެ މައްޗަށް ހިތާމަކޮށް އިނދެ އެ މީހާ މުޅި ގައިގައި ދަވާދު އުނގުޅި އެވެ. އެވަރުން ވެސް އެކަން ނުހުއްޓުނެވެ. ފުލުހަށް އެންގުމުގެ ކުރީން ދަޅުގައި ބާކީ ހުރި ހުރިހާ ދަވާދެއް އޭނާގެ ބޮލާއި މުޅި ގަޔަށް އޮއްސާލީ އެވެ.

މުޅި މީހާ ހުދުގަނޑަކަށް ހަދާލި އެވެ. ހަށިގަނޑާއި ލައިގެން ހުރި އަންނައުނާއި އަރައިގެން ހުރި ފައިވާނުގައި ވެސް ހުދު ދަވާދު ނުޖެހޭ އެންމެ ތަންކޮޅެއް ވެސް ނެތެވެ. ދެން އެންގީ މޫދަށް އެރޭށެވެ. އެ މީހާ ގޮސް މޫދަށް އެރުނެވެ. އެވަގުތު ކުރެވޭނެ ކަމެއް / ހެދޭނެ ގޮތެއް ނެތީ އެވެ.

ފުލުހުން އައިއިރު އެ މީހާ އޮތީ މޫދުގަ އެވެ. ގައިގައި ހުރި ދަވާދުތައް ފިލުވޭތޯ މަސައްކަތް ކުރަނީ އެވެ. އަތުގައި އޮތް ޓީޝާޓުން ބޮލާއި މުޅި ހަށިގަނޑުގައި ބާރަށް ހާކަމުން ދިޔައީ ދަވާދުން ކޮންމެވެސް މިންވަރެއް ފިލާތޯ އެވެ. އެކަމަކު ލޮނުގައި ޖެހުމާއެކު ވަގުތުން ދަވާދުތައް ހިކި މުޅި ހަށިގަނޑުގައި ގަދައަށް ހަރުވީ އެވެ.

ފުލުސް ވެހިކަލެއް ގެނެސް އޭގައި އެ މީހާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ އެ ހާލުގަ އެވެ.

މަޖާކަމެއް ނޫން, ސީރިއަސް މައްސަލައެއް

ވައްކަން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އިސްލާމް ދީނުގައި މުޅީން މަނާ ކޮށްފައިވާ ކުށެކެވެ. ފާފަ އެކެވެ.މީހުންގެ މުދަލަކީ ހުރުމަތްތެރިވެގެންވާ ތަކެއްޗެވެ. ރައްކާތެރިކަން ލިބިގެންވާ ތަކެއްޗެވެ. އެހެން ކަމުން މީހެއްގެ މުދަލެއް ވަގަށް ނެގުމަކީ އެކަން ކުރި މީހަކު ކުށްވެރިވާނެ ކަމެކެވެ. އަދަބު ދޭން ޖެހޭނެ ކަމެކެވެ.

ނަމަވެސް އެކަން ކުރަން ޖެހެނީ ކޮން ބައެއް ހެއްޔެވެ. އެއީ ގެއްލުން ލިބުނު މީހާ ކުރަން ޖެހޭ ކަމެއް ހެއްޔެވެ. ނޫނީ ވަގު ކަލޭގެ އަތުލަގަންނަ މީހުން ކުރަން ޖެހޭނެ ކަމެއް ހެއްޔެވެ. އެހެން ހީވާނަމަ އެއީ ވަރަށް ބޮޑު ގޯހެވެ.

ރާއްޖެ އަކީ ގާނޫނު ހިނގާ, ގާނޫނީ ސަރުކާރެއް އޮތް, ގާނޫނު ތަންފީޒު ކުރާ ގައުމެކެވެ. މި ގައުމުގައި ފުލުހުން އެބަތިއްބެވެ. މައްސަލަތައް ތަހުގީގު ކުރެ އެވެ. ތަހުގީގަށް ފަހު ޕްރޮސެކިއުޝަން މަރުހަލާ ހިންގަން ޕީޖީ އޮފީސް އެބައޮތެވެ. އެ މަރުހަލާއަށް ފަހު ދައުވާ ކުރަން ފޮނުވާނެ ކޯޓްތައް ގާއިމުކޮށްފައިވެ އެވެ. ބޮޑެތި މުސާރަދީ ފަނޑިޔާރުން އައްޔަނު ކޮށް ތިން ހަތަރު މަރުހަލާ ހިންގާނެ ކޯޓްތައް ވަނީ ގާއިމު ކޮށްފަ އެވެ.

އެހެންވީމަ މަގުމަތީން އިންސާފު ގާއިމު ކުރަން ފެށުމަކީ މަޖާ ކަމެއް ނޫނެވެ. އެއީ ވަރަށް ސީރިއަސް މައްސަލަ އެކެވެ.

ގިނަ ބަަޔަކު ދެކެނީ ދައުލަތް ފެއިލްވެފައިވާ ކަމަށް

މިފަދަ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު ދެކަފި ހިޔާލުތަކާއެކު ބޮޑެތި ބަހުސްތައް ކުރެވެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިހާރު އޮތީ މަގުމަތީން އިންސާފު ހޯދުމެވެ. އެ ނޫން ގޮތެއްް ނެތެވެ. ވައްކަން ކުރާ މީހުންނަށް ދެން ދުވަހަކު ވެސް އެފަދަ ކަމެއް ކުރާން ނުކެރޭ ވަރު ކޮށްލަން ޖެހެ އެވެ.

އެކަން އެހެން ކުރަން ޖެހެނީ ގާނޫނުތައް ތަންފީޒު ނުކުރެވި ދައުލަތް ފެއިލްވެފައިވުމުގެ ސަބަބުންނެވެ. ވައްކަން ކޮށްގެން މީހަކު ފުލުހާ ހަވާލުކޮށްފިނަމަ ހައްޔަރު ކޮށްގެން ގެންގޮސް އަނެއް ދޮރުން އެ މީހަކު ދޫކޮށްލާނެ ކަަމަށް ދެކޭ މީހުން އަހަރެމެންގެ ތެރޭގައި ގިނަ އެވެ. އެހެން ދެކެނީ ސަބަބުތަކެއް ވެސް ހުރުމުންނެވެ.

ކުށްތަކަށް އަރައިގަންނަ ގިނަ މީހުންނަކީ އެއް ބައެކެވެ. ބައެއް މީހުންގެ ކުށުގެ ރެކޯޑް ގުނާ އަދަދު ނުކުރެވެ އެވެ. ވަރަށް ޒުވާން އުމުރުގައި 100 ފަހަރު ހައްޔަރު ކޮށްފައިވާ މީހުން އެބަ ތިއްބެވެ. އެކި ފަހަރު އެކި ކުށްކުށުގެ ތުހުމަތުގަ އެވެ. އެ މީހުންނަށް ތަކުރާރުކޮށް ކުށްކުރަން ފުރުސަތު ލިބެނީ އަލުން މުޖްތަމައުގެ ތެރެއަށް އާދެވޭތީ އެވެ.

ބައެއް ފަހަރު ފުލުހުންގެ ބަންދުން ދޫކޮށްލަނީ އެވެ. މައްސަލައިގެ ތަހުގީގު ނިމި ދެން ބަންދުގައި ބަހައްޓާނެ އިތުރު ސަބަބެއް ނެތީ ކަމަށް ބުނެ އެވެ. އަނެއް ބައި ފަހަރު ކޯޓުން ދޫކޮށްލަނީ އެވެ. އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ. މިފަދަ ކޮންމެވެސް ގޮތަކުން އެފަދަ މީހުން ތަކުރާރުކޮށް މުޖްތަމައުގެ ތެރެއަށް އައިސް ކުށުގެ ވެށީގައި އުޅެ އެވެ.

އެކަން އެހެން ހިނގި ކަމުގައި ވިޔަސް ރާއްޖެ އަކީ ގާނޫނުގެ ބާރު ހިނގާ ގައުމެކެވެ. މުއައްސަސާތައް އެބަ ހަރަކާތްތެރިވެ އެވެ. ކުށްތައް ހުއްޓުވަން ފުލުހުން މަސައްކަތް ކުރެ އެވެ. އެންމެ ބޭނުންވާ ނަތީޖާ އަދި ފެންނަން ނެތް ނަމަވެސް އެކަން ބަހަނާ އަކަށް ދައްކާ އިންސާފު ހޯދުމުގެ ނަމުގައި މަގުމަތީން މިގޮތަށް އަނިޔާވެރިވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ދީނީ ގޮތުން ބެލިޔަސް ނުރައްކާތެރި ކަމެއް

ކުށްވެރީންނަށް މަގުމަތީން އަދަބު ދިނުމަކީ އިސްލާމް ދީނުގައި ވެސް މުޅީން މަނާކޮށްފައިވާ ކަމެކެވެ. އިލްމުވެރީން ވިދާޅުވާ ގޮތުގައި އެއީ ހަރާމް ކަމެކެވެ. އަދި އެފަދައިން އަމަލު ކުރާ ބަޔަކު އެ ކުރަނީ ފާފަ އެކެވެ.

މީހުންގެ މުދަލަށް ގެއްލުންދީ ވައްކަންކޮށް ކުށްތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަކީ އިސްލާމް ދީނުގައި ބާރު އަޅާފައިވާ ކަމެކެވެ. ނަމަވެސް އެއީ ކަމާބެހޭ އިދާރާތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެފަދަ އިދާރާތަކުން އެކަން ނުކުރާ ކަމުގެ ބަހަނާ ގައި އަމިއްލައަށް އަދަބު ތަންފީޒު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އިލްމުވެރީން ވިދާޅުވެ އެވެ.

އަދި އެފަދަ އިން އަމަލު ކުރުމުގެ ސަބަބުން އެ މީހާއަށް އިތުރު އަނިިޔާތަކެއް ލިބި އެ މީހާގެ ހައްގަކަށް އަރައިގަނެވިދާނެ ކަމާމެދު މާތްރަސްކަލާންގެ އަށް ބިރުވެތިވާން ޖެހޭ ކަމަށް އިލްމުވެރީން ވިދާޅުވެ އެވެ.

ދިފާއު ކުރުމެއް ނޫން,

މަގުމަތީން އަދަބު ދިނުމާއި ދެކޮޅަށް ވާހަކަ ދެއްކުމަކީ ކުށްވެރީންނަށް ހިތްވަރު ދިނުން ކަމަށް ބައެއް މީހުން ދެކެ އެވެ. ނަމަވެސް އެއީ ކުށްވެރީން ދިފާއުކޮށް އެ މީހުންގެ އެ އަމަލަށް ހިތްވަރު ދިނުމެއް ނޫނެވެ.

އެކަމާއި ދެކޮޅުވާން ޖެހޭ ފުރަތަަމަ ސަބަބަކީ އަހަރެމެންނަކީ މުސްލިމުންނަށް ވުމެވެ. މިގޮތަށް އަދަބުދީ އަނިޔާވެރިވުން ދީނުގައި މަނާ ކޮށްފައިވާތީ އެވެ. އަނެއް ސަބަބަކީ ގާނޫނީ ނިޒާމާ އެކަން ފުށު އެރުމެވެ. ގާނޫނު ތަންފީޒު ކުރަން އިދާރާތަކެއް ހުންނަނީ ބޭނުމެއްގަ އެވެ. ޕީޖީ އޮފީހާއި ކޯޓްތައް ގާއިމު ކޮށްފައި ވަނީ ގާނޫނީ ނިޒާމު ހިންގާށެވެ. އޭގެ ބޭރުން އެހެން ބަޔަކު އެކަން ކުރާނަމަ އެއީ ގާނޫނީ ނިޒާމު ހަލާކުކޮށްލުމެވެ. ގާނޫނީ ނިޒާމަށް ގޮންޖެހުމެވެ.

ދެން އޮތީ އިދާރާތަކުން އެ ޒިންމާ އަދާނުކުރާ ކަމަށް ބުނާ ބުނުމެވެ. އެއީ ހަގީގަތެއް ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެ ބަހަނާ ގައި އަމިއްލައަށް އަދަބު ތަންފީޒުކޮށް އަނިޔާވެރި އަމަލެއްގެ ތެރެއަށް އަރައިގަތުމުން ގެއްލުމުގެ ބަދަލެއް ލިބޭ ހެއްޔެވެ. އެހެންވީއިރު ފާފައަކަށް އަރައިގަތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އެކަމުން ދުރުހެލިވެ ގެއްލުމުގެ ބަދަލު ލިބޭނެ ކަމަށް ކެތްތެރިވެ އެންމެ މަތީ ފަރާތުގެ ރަހްމަތަށް އުންމީދުގައި ހުރުމަށް ވެސް މޮޅު ގޮތެއް އޮންނާނެ ހެއްޔެވެ.

އަނެއްކޮޅުން މިފަދައިން އަނިޔާވެރިވެ އަދަބު މި ދެވެނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް މަންމައަކާއި ބައްޕައެއްގެ ދަރިއަކަށެވެ. ކޮންމެވެސް ދަރިއެއްގެ ބައްޕައަކަށެވެ. ބޭބެއަކަށް ނުވަތަ ބޮޑުބޭބެ އަކަށެވެ. މިފަދަ މަންޒަރެއް ފެނުމުން އެ މީހުންނަށް ކުރާނެ އަސަރު ވިސްނާލާށެވެ. އެ މީހާ އެކުށަށް އަރައިގަތުމާއި އާއިލާއާ ގުޅުމެއް ނެތެވެ. މިގޮތަށް އަނިޔާ ދިނުމުން ގައިމުވެސް އެ އާއިލާއަށް ވެސް އެދެވެނީ އަނިޔާ އެވެ. އެހެންވީމަ މި ބަލިމަޑުކަމުން މުޖްތަމައު ސަލާމަތް ކުރަން ޖެހެ އެވެ. އެކަމަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ބޭނުންވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
12 Oct 2026 ހަބަރު

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ، ސައިކަލު މަތީގައި އޮށޯވެ އޮވެ، ނުރައްކާތެރިކޮށް ދުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި 26 އަހަރުގެ އަޙްމަދު ފާރިޘް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރ...

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި
11 Oct 2026 ހަބަރު

އެކްސިޑެންޓު ތަހުގީގަށް ހާއްސަ ޑިޖިޓަލް ސޮފްޓްވެއާއެއް ފުލުހުން ތައާރަފުކޮށްފި

ޓްރެފިކް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތަކުގެ ކުރެހުން ޑިޖިޓަލްކޮށް ތައްޔާރުކުރެވޭ "ސްމާޓްޑްރޯ" ނަމަކަށް ކިޔާ ސޮފްޓްވެއާއެއް ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުން ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވ...

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ
11 Oct 2026 ހަބަރު

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ. ތްރެފިކް ގަވާއިދާ...

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
10 Oct 2026 ރިޕޯޓް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!

ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެ...

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
09 Oct 2026 ހަބަރު

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި

‏އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި އެވެ. އެ ތަކެތި ވިއްކަން ހުރީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނީ އެ ފިހާރާގައ...

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
09 Oct 2026 ހަބަރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި އެވެ. ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ހުށައަޅާފައިވާ ކަ...