ކުޑަ ކުޑަ އައިސްލޭންޑުން ދުނިޔޭގެ ޗެންޕިއަން ފްރާންސް ހިފަހައްޓައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފްރާންސް އާއި އައިސްލޭންޑްގެ ދެމެދުގައި ކުޅެވުނު ރަހުމަތްތެރި ކަމުގެ މެޗުގައި އައިސްލޭންޑުން ދުނިޔޭގެ ޗެންޕިއަން ފްރާންސް ހިފަހައްޓާލައިފިއެވެ.
ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމިފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެންނެވެ.
މެޗުގައި ފުރަތަމަ 2 ލަނޑު ޖަހައި ކުރި ހޯދާފައިވަނީ އައިސްލޭންޑުންނެވެ. އައިސްލޭންޑްގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދީފައިވަނީ އަލްފްރެޑް ފިންބޮގަސަން ނަގައިދިން ހުރަހަކުން ބިކިރް ބްޖާންސަނެވެ. ދެވަނަ ލަނޑު ޖަހައިދިނީ ގިލްފީ ސިގާޑްސަން ނަގައިދިން ކޯނަރަކުން އެޓީމުގެ ވަރުގަދަ ޑިފެންޑަރު ކާރި އާރްނަސަނެވެ.
ދެ ލަނޑު ފަހަތުގައި އޮވެ ފްރާންސް ޕްރެޝަރަށް ވެއްޓި، އެޓީމުން ވަނީ ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކޮށް މެޗު ތެރެއަށް ވަދެފައެވެ. އެގޮތުން ބަދަލު ކުޅުން ތެރިޔެއްގެ ގޮތުގައި މިމެޗުގައި ކުޅެން ނުކުތް ކިލިއަން އެމްބައްޕޭ ވަނީ މުޅި މެޗުގެ އޮއެވަރު ބަދަލުކޮށްލާފައެވެ.
ފްރާންސްގެ ފުރަތަމަ ލަނޑަކީ އެމްބައްޕޭ ފޮނުވާލި ބާރު ހަމާލާއެއް އައިސްލޭންޑްގެ ކީޕަރު އަތުގައި ޖެހި ބައުންސްވެ އެޓީމުގެ ޑިފެންޑަރެއްގެ ގައިގަ ޖެހި ބައިކޮޅަށް ވައިން ލަނޑެކެވެ.
ފްރާންސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށް ދިން ލަނޑު ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީއަކުން އެމްބައްޕޭ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް