ނަތަންޔަހޫގެ އަންހެނުން ސާރާ
ނަތަންޔަހޫގެ އަންހެނުން ސާރާ
ދުނިޔެ 03 Feb 2025 | 05:11

ނަތަންޔާހޫގެ އަންހެނުންނާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ފަށައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހައްދުފަހަނައަޅާފައިވާ އިސްރާއީލު ޖަމާޢަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަންހެނުން ސާރާ ނަތަންޔާހޫއާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ފަށައިފިކަމަށް އިސްރާއީލުގެ ސްޓޭޓް އެޓަރނީ އޮފީހުން އާދިއްތަ ދުވަހު ހާމަކޮށްފިއެވެ.

އިސްރާއީލުގެ އިދިކޮޅު ޕާޓީގެ މެންބަރެއް ކަމަށްވާ ނައާމާ ލަޒިމީ އޭނާގެ އެކްސް އެކައުންޓްގައި ހާމަކޮށްފައިވާ ގޮތުގައި، މި ތަޙުޤީޤު ފެށިފައިވަނީ 26 ޑިސެމްބަރު 2023 ގައި ކަމަށެވެ.

މި ތަޙުޤީޤު ފެށިފައިވަނީ އިސްރާއީލުގެ ޗެނަލް 12 ގެ "އުވްދާ" ނިއުސް ޕްރޮގްރާމުން ޑިސެމްބަރު މަހު ގެނެސްދިން ރިޕޯޓެއްގެ ފަހުންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ސާރާ ނަތަންޔާހޫ އޭނާގެ ފިރިމީހާގެ ކޮރަޕްޝަން މައްސަލައިގެ މުހިންމު ހެއްކަކަށް ބިރުދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެޓަރނީ ޖެނެރަލްއާއި އޭނާގެ ނައިބު އަދި ބެންޖަމިން ނަތަންޔާހޫއާ ދެކޮޅު އެހެން އިސް މީހުންނާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމުކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ސްޓޭޓް އެޓަރނީ އޮފީހުން ބުނެފައިވާ ގޮތުގައި މި މައްސަލަ ބަލަމުން ގެންދަނީ އިސްރާއީލު ފުލުހުންނާއި އެޓަރނީ އޮފީހުގެ ސައިބަރ ޑިޕާޓްމަންޓުންނެވެ.

މިހާރުވެސް ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ރިޝްވަތު ހިފުމާއި، ފްރޯޑް އަދި ޚިޔާނާތްތެރިވުމުގެ ދަޢުވާތަކެއް އުފުލައި، ޝަރީޢަތް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް