ސަލަފިއްޔާގެ ބޭފުޅުންގެ އަމަލުތައް އިސްލާމް ދީނަކަށް ނުފެތޭ: ޑރ. އިޔާޒު
''މަކުތަބާ ސަލަފިއްޔާ'' ގެ އިލުވެރިންގެ އަމަލުތަކަކީ އެއްގޮތަކަށްވެސް އިސްލާމުދީނަށް ފެތޭ އަމަލުތަކެއް ނޫން ކަމަށް އައްޝައިހު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
އިޔާޒު މިފަދައިން ވިދާޅުވީ، ''މަކުތަބާ ސަލަފިއްޔާ'' ގެ ފަސް އިލްމުވެރިޔަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ''މަކުތަބާ ސަލަފިއްޔާ'' ގެ އިލްމުވެރިޔެއް ކަމަށްވައި އައްޝައިހު މުހައްމަދު ހަސަނު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެެ.
ދަރުސް ދިނުމުގެ ހުއްދަ ސަރުކާރުން ސަސްޕެންޑްކޮށްފައިވާ އައްޝައިޚު މުހައްމަދު ހަސަން ތުހުމަތުކުރެއްވި ގޮތުގައި އިލްމުވެރިން އިއްތިފާގުވާ ގޮތުގައި އުސާމާ ބިން ލާދިންގެ ފިކުރަށް ތާއީދުކުރާ މީހުންނަކީ އުސާމާ ބިން ލާދިންގެ ފިކުރުގެ މީހުންނެވެ.
އެގޮތުން މުހައްމަދު ވިދާޅުވީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި އުސާމާ ބިން ލާދިންގެ ފިކުރަށް ތާއީދުކުރާ ކޮންމެ މީހަކީ "ޚަވާރިޖެއް" ކަމަށެވެ.
އުސާމާ ބިން ލާދިންނަށް ޑރ. އިޔާޒު ތާއީދުކުރެއްވި ކަމަށް ވިދާޅުވެ، އޭނާ ވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު، ޑރ. އިޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ހާމަކުރައްވައިފައެވެ.
''އުސާމާ ބިން ލާދިން އަކީ ދުނިޔޭގެ މުއްސަނދިކަމާއި އަރާމު ދޫކޮށް ﷲ ގެ މަގުގައި ޖިހާދުކޮށްފައިވާ ވަރުގަދަ މުޖާހިދެއް. މާތް ﷲ އޭނާގެ އަމަލުތަކަށް ހެޔޮ ޖަޒާ ދެއްވާށިއެ. އަދި އޭނާގެ ކުށް ފާފަތައް ފުއްސަވައި އޭނާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެ.'' ޑރ. އިޔާޒުގެ ޓުވީޓުގައި ވެއެވެ.
މުހައްމަދު ހަސަނުގެ ވާހަކަތަކަށް ރައްދު ދެއްވައި ޑރ. އިޔާޒު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަލަފީ އަކީ މީސްތަކުން "ކެޓަގަރައިޒް" ކޮށް ތިމާމެންގެ ވިސްނުމާއި ފިކުރާ ދިމާ ނުވާ މީހުންނާއި ހަތަރުކަޅި ހަމަނުކޮށް އުޅޭ ބައެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ ބޭފުޅުންނަކީ އެފަރާތްތަކުގެ އަމަލުތައް އެއްވެސް ގޮތަކަށް އިސްލާމް ދީނަށް ފެތޭނެ ބައެެއް ނޫން ކަމަށްވެސް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
ސަލަފީ އަށް އަމާޒުކޮށް ޑރ. އިޔާޒް ކުރެއްވި އިތުރު ޓްވީޓުގައި ވިދާޅުވެފައި ވަނީ އެޖަމިއްޔާ އަކީ ތިމާމެންގެ މަންހަޖަށް ފެތޭ މީހުންނަށް ފިޔަވައި ދަރުސްވެސް ދެވޭ ބައެއް ނޫން ކަމަށެވެ. އަދި އެމީހުން ވަނީ ބޮޑެތި ކާފަރުންނާއި ހިނިތުންވެ ހުރެ، ވާހަކަ ދައްކައިފައި ކަމަށާއި، އެހެން ނަަމަވެސް މުސްލިމުންނަކީ މަންހަޖަށް ނުފެތޭ ބައެއް ކަމަށްބުނެ ސަލާމްވެސް ގޮވައި ނުލެވޭ ކަމަށް ޑރ. އިޔާޒްގެ ޓްވީޓުގައި ވިދާޅުވިއެވެ.
އަދި އެއީ ހަމަ ރަސޫލާގެ މަންހަޖުތޯ ސުވާލު އުފައްދަވައި އިޔާޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ އެއް މުސްލިމަކު އަނެއް މުސްލިމަކާއި ބައްދަލުވާ ހިނދު ސަލާމްކޮށްފި ނަމަ އެކަމަކުން ވަރަށް މަތިވެރި ދަރުމަ ލިބޭ ކަމަށް ވިދާޅުވެފައެވެ.
އަނެކާގެ މޫނުމަތީގައިވާ ހިނިތުން ވުމަކީވެސް ސަދަގާތެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، "ކުނި މޫނު" ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް ދީނީ ދައުވަތު ފުނޑާލުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް