އީސީއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ތައްޔާރު: ޕީޕީއެމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިހާބްގެ ވޯޓް އޮޅުވާލިކަމަށް ބުނާ މައްސަލައާއި ޕީޕީއެމްގެ ކޮންގްރެސް އީސީއިން ބާތިލް ކުރުމުގެ މައްސަލަތަކަށް އަވަސް ހައްލެއްހޯދުމަށް އީސީ އާއެކު ވާހަކަ ދައްކަން ތައްޔާރަތް އޮތްކަމަށް ޕީޕިއެމުން ބުނެފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް ތިބީ ތައްޔާރަށް ކަމަށާއި، އީސީއާއެކު ދައްކަން ޖެހޭ ކޮންމެ ވާހަކައެއްވެސް ދައްކާނެ ކަމަށެވެ. އަދި މިފުރުސަތު އީސީ އިން ދޭންޖެހޭނެކަމަށާއި މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށްވެސް އެފުރުސަތުދީ އެޕާޓީގެ މައްސަލަތަށް ހައްލުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އީސީގެ ބޭފުޅުން އަމަލު ކުރަމުންދަނީ އަމިއްލަ އެޖެންޑާގެ ދަށުން ކަމަށާއި އެފުރުސަތު ޕީޕީއެމް އަށް ނުދޭކަމުގައި ސިއްދީގު ތުހުމަތު ކުރެއްވިއެވެ. އެ ފުރުސަތު ދީފިނަމަ ޕީޕީއެމްއަކީ "ޒައިތޫނި ފަތްކޮޅެއް" ދިއްކޮށްލާ ބައެއް ކަމަށެވެ.
"އެބޭފުޅުން އިސްވެ ވިދާޅުވާންވީ ނޫންތޯ ތިމަންނަމެން މިވެނިކަމެއް އެވެނިކަމެއް އެބަހުއްޓޭ އަންނާށޭ ސިޓްކޮށްލާފަ އެ ވާހަކަ ދައްކަން. އިދިކޮޅު އެމްޑީޕީއަށްވެސް އިންވައިޓް ކުރީ ނޫންތޯ އެބޭފުޅުން ކަންތައްތަކުގައި. އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން ޕީޕީއެމާއި ދޭތެރޭ ޒާތީ ތައައްސުބެއް ގެންގުޅޭކަމުގެ ނިޝާންތަކެއް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެހެންވީމަ މިހާލަތުގައި އެބައޮތްތޯ މަސްލަހަތު މީގައި ޕީޕީއެމް މީހުން ގޮސް އެމީހުންނާއި ބައްދަލުކޮށް ވާހަކަދެއްކުމުގެ. މަސްލަހަތެއް ނެތް މީގަ." ސިއްދީގު ވިދާޅުވިއެވެ.
އީސީއާއި ވާހަކަ ދެއްކުމަށް ފަހު ސުލްހަ ކުރަންޖެހޭ ކޮންމެ ކަމެއްވެސް ސުލްހަ ކުރަން ތައްޔާރަށް ތިއްބެވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސުލްހައަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. ނަމަވެސް އީސީ އިން ދައްކަމުން އަންނަނީ މުޅިން އެހެން ފާހަކައެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ޕާޓީ އުވާލާނެކަމާއި ޕާޓީގެ ކޮންގްރެސް ގަބޫލު ނުކުރާނެކަމާއި މިކަހަލަ ވާހަކަތަކެއް އީސީން ދައްކަމުން ދާކަންފާހަގަ ކުރެއްވިއެވެ. އަދި މިއީ އީސީއާއި މެދު ކުރެވޭ ތުހުމަތުތަކަށް ފަސް އެޅުމަށް ދައްކައިގެން އުޅޭ ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އީސީން ޕާޓީ ބަލައިނުގަތޭ، ޕާޓީއަކީ އެހެން ބައެއްގެ އެއްޗެކޭ. ކޮބާ އެއްކަލަ އޮޅުވާލި ވޯޓުގެ ވާހަކަ. އެވާހަކައަށް ފަސް އެޅުމަށްޓަކައި ވުޖޫދުވީ ކަންތައްތަކެއް މިހުންނަނީ. އެހެންވީމަ މިކަހަލަ ކަންތައްތަކުން ކޮށްފައި ހުންނަ ކަންތައްތަކެއް ސިއްރު ނުކުރެވޭނެ" ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާލުވީ ކޮންގްރެސް ބޭއްވިގެން ދިޔައީ އީސީގެ ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އީސީއަށް ހުށައަޅައިގެން ކަމަށެވެ. އަދި ކޮންމެ ގަރާރެއް، ގަވާއިދުގެ މާއްދާއެއް ފާސްކޮށްފައިވަނީ އެތަނަށް ހާޒިރުވެ ތިބި އީސީގެ ދެ އޮބްސަވަރުންނަށް ދައްކައިގެން ދައްކާ އެބޭފުޅުންގެ އިޒުނައާ އެއްކޮށް ކަމަށެވެ. އަދި ކޮންގްރެސްގެ ހުރިހާކަމެއް ހިނގި ގޮތާއި ވޯޓުލީގޮތް ބަލަން އީސީގެ އޮބްޒާވަރުން ތިބިކަމަށެވެ. މާފަހުން ކޮންގްރެސްގެ ކަންކަން އީސީއަށް ފޮނުވުމުން ހުއްޖަތް ގާއިމްކުރުމުން އެއީ އީސީން ކޮންމެވެސް އެހެން އެޖެންޑާއެއް ފަހަތުގައި ބާއްވައިގެން ކުރާ މަސައްކަތެއް ކަމަށް ސިއްދީގު ތުހުމަތު ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް