މަސީހުގެ ސަބަބުން މަޖިލިސް ހިންގުމަށް ދަތިވޭ: މޫސަ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އަމަލުފުޅުތައް ހުންނަ ގޮތުން މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގަައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނަވާ ވާހަކަފުޅު ދައްކަވަމުން މޫސާ ވިދާޅުވީ، އިއްޔެ ހަވީރު ހައެއް ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެ، މަސީހް އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި މަޖިލީހުގެ އެޖެންޑާ ކަނޑައަޅުއްވަައި ޖަލްސާތައް ބާއްވަނީ މަޖިލީހުގެ ރައީސް މަސީހުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
"މިއަދުވެސް މަޖިލީހުގެ ޖަލްސާ ބާއްވަނީ އަދި އެޖެންޑާ ކަނޑައެޅުއްވީ ޢަބްދުﷲ މަސީހު މުޙައްމަދު، ޖަލްސާ ބާއްވާ ގަޑި އަޅުގަނޑަށް އަންގަނީ ޢަބްދުﷲ މަސީހު މުޙައްމަދު، އަޅުގަނޑެއް ނޫން މަޖިލިސް ކުރިއަށް ގެންދަނީ." މަޖިލީހުގެ ތަޅުން ހޫނުވި ވަގުތު، މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވުމުން މޫސަ ވިދާޅުވިއެވެ.
އަދި އެމަނިކުފާނަށް ރާވައިގެން އެއްޗެހި ކިޔަސް، މަޖިލީހުގެ ރައީސްއަކީ އެމަނިކުފާނު ނޫންކަމަށާއި މެންބަރުންނަށް މަޖިލީހުގެ ގަވާއިދު ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގެ ތެރޭގައި އިނގުރައިދޫ ދާއިރާގެ މެންބަރ ފަލާހް ވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު، އެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ބައްލަވަމުން ގެންދަވާއިރު، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށްވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތާވަލްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް