ރާއްޖެ ޓީވީ ހުއްޓުވާލަން ސޮފްވާން އެމްއެންޑީއެފް އަށް ސިޓީ އެއް ފޮނުވި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖެ ޓީވީ ހުއްޓުވާލަން ބްރޯޑްކާސްޓިން ކޮމިޝަނުން، ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓު ހުކުމާ އެކު ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު، ޑިފެންސް މިނިސްޓްރީ އަށް ރަސްމީ ސިޓީއެއް ފޮނުވިކަން ހާމަވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ފޮނުއްވި ސިޓީއެއް ކަމަށްބުނެ އާންމުވެފައިވާ ސިޓީގައި ސޮއިކުރައވާފައިވަނީ އޭރު ކޮމިޝަންގެ މެމްބަރު އަދި މިހާރު ބްރޯޑް ކޮމްގެ ނައިބު ރައީސަކަށް ހުންނެވި، ޕީޕީއެމްގެ އެކްޓިވިސްޓް އިސްމާއިލް ސޮފްވާންއެވެ.
އޭގައި ވަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް "ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުން ދާ" ވާހަކަ އާއި "ގައުމީ ދިފާއީ ބާރުތަކުގެ އަގު ވެއްޓޭ ގޮތަށް" މެދުނުކެނޑި ބްރޯޑްކާސްޓް ކުރަމުންދާ ވާހަކައެވެ.
"ވީމާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ތިޔަ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ތެރެއިން މިކަން ހުއްޓުވަން އެދި ދެންނެވީމެވެ،" ސިޓީގައި އެދިފައިވެ އެވެ.
އެ ސިޓީ ފޮނުވަން ނިންމި ބްރޯޑް ކޮމްގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ބައިވެރިވެވަޑައެއް ނުގަންނަވާކަމަށް މައުލޫމާތު ލިބެއެވެ.
އެހެންކަމުން އެދުވަހު ރިޔާސަތު ބެލެހެއްޓެވި އޭރުގެ ނައިބު ރައީސް މުހައްމަދު އަސްލަމް ވަނީ ޑިފެންސް މިނިސްޓްރީއަށް އެ ސިޓީ ފޮނުއްވަން ދެކޮޅު ހައްދަވައި، ބައްދަލުވުމުން ނުކުމެވަޑައިގަންފަކަމަށްވެއެވެ.
ސޮފްވާން ރިޔާސަތު ބަލަހައްޓަވާ ފެބްރުއަރީ 7 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ބޭއްވި އެ ބައްދަލުވުމުގައި ދެން ތިއްބެވި ފަސް މެމްބަރުން ބައިވެރިވި ވަޑައިގެންނެވިއެވެެ.
އަދި ޑިފެންސް މިނިސްޓްރީއަށް ހަމަ އެރޭ، ޖެމްސް މެދުވެރިކޮށް، ސިޓީ ފޮނުވި އެވެ.
ނަމަވެސް އެ ސިޓީގައި އެދިފައިވާ ގޮތަށް ރާއްޖެ ޓީވީއާ ދެކޮޅަށް ޑިފެންސް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ޝަހީބު ވަނީ ބްރޯޑް ކޮމްގެ ރިޔާސަތު ބެލެހެއްޓެވުމުގެ ބާރު ހޯއްދެވުމުގެ ގޮތުން ރިޔާސީ އިންތިހާބުގެ ކުރިން ޝަހީބުގެ އޮފީސް ކޮޓަރީގައި އޭނާ "ރަހީނުކޮށް" ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށް ޕޮލިހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.
އެގޮތުން ކޮޓަރިން ނުކުމެވަޑައިގެންނެވިޔަ ނުދީ ހިފެހެއްޓެވުމަށް ފަހު ޝަހީބަށް މަޖުބޫކުރެއްވި ތިން ކަމަކީ ރިޔާސަތު ބެލެހެއްޓެވުން ސޮފްވާންއާ ހަވާލުކުރެއްވުމާއި، ހަފުތާއެއްގެ މުއްދަތަށް ޗުއްޓީއަކަށް ދިއުން، ނުވަތަ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވެއެވެ.
އެކަމަކު އެއިން އެއްވެސް ކަމަކަށް ޝަހީބު އެއްބަސްވެވަޑައިނުގަތުމުން، އެންމެ ފަހުން ސޮފްވާން އެ ކޮޓަރިން ނުކުންނެވީ ކަމަށްވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް