ގައުމީ ދުވަސް: ހިކުމަތުގެ ޖިހާދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދަކީ އަޅުގަނޑުމެން ދިވެހިންނަށް ތާރީހީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ދުވަހެކެވެ. އެއް ޒަމާނެއްގައި ކަނޑުތަކުގެ ބާޒުތަކުގެ ގޮތުގައި މަޝްހޫރުވެގެންދިޔަ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިން ސަލާމަތްވެ، އަނދިރީގެ ތެރެއިން އަލިކަން ހޯދި ދުވަހެވެ. ބިރުވެރިކަމާއި ނާާމާންކަމުގެ އިރު އޮއްސުނަސް، ފަޖުރުގެ ސާފުކަންމަތީ އިރުއެރި މަތިވެރި ދުވަހެވެ. ހިޖްރީ ގޮތުން ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. އާދެ، ގައުމީ ދުވަހެވެ.
މި ދުވަސް އަޅުގަނޑުމެން ފާހަގަކުރާ ހިނދު، މި ދުވަހުގެ ބަތަލް އައްސުލްތާނުން ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑު ތަކުރުފާނަށް މި ގައުމު ދަރާފައިވާ ދަރަނި ކިތަންމެހާވެސް ބޮޑެވެ. ހަގީގަތަކީ އެތަކުރުފާނު ބޭނުންވި ނަމަ ޕޯޗުގީޒުންގެ ހިޔަލުގައި، ވިޔަޒޯރުގެ އެހީގައި އަރާމުގައި ދިރިއުޅެވުނީހެވެ. ނަމަވެސް ޅައިރުއްސުރެ މިނިވަންކަމަށް ހުރި ލޯތްބެއްގެ ބޮޑުކަމުގެ އާހިރު ނަތީޖާއަކަށް ވެގެންދިޔައީ، މުޅި ގައުމުގެ މިނިވަންކަމަށް ޖިހާދު ކުރެއްވުމެވެ.
ތާރީހީ ބައެއް އިލްމުވެރިން ބުނާގޮތުގައި އެތަކުރުފާނު ޖިހާދަށް ނުކުންނެވުމުގެ ފަހަތުގައި ބައްޕާފުޅުގެ ވަސިއްޔަތެއްވެސްވެއެވެ. އެއީ މަރުބަލީގެ އެނދުގައި އެމަނިކުފާނު އޮންނަވައި ރާއްޖެ ކާފިރުކަމުން ސަލާމަތްކުރައްވައި އަޅުވެތިކަމުން މިންޖުކުރެއްވުމަށްޓަކައި މަސައްކަތްކުރުމަށް ކުރި ވަސިއްޔަތެވެ.
ކޮންމެ ގޮތަކަށްވިޔަސް ދެބަސް ވެވެން ނެތް ހަގީގަތަކީ މި ޖިހާދަކީ އެ ޒަމާނާއި އަޅާބަލާއިރު އާދަޔާ ޚިލާފު ޖިހާދެއް ކަމެވެ. އެ ތަކުރުފާނު މި ޖިހާދުގެ ތެރެއިން އެޅުއްވި ކޮންމެ ފިޔަވަޅަކީވެސް އޭގެން އެމަނިކުފާނުގެ ހިކުމަތު އަމަލީ ވަރަށް ފުރިހަމައަށް ދައްކުވައިދިން ކަމެކެވެ. އޭގެން ބައެއް ކަންކަމަށް މިއަދު ބަލާލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ.
ބޮޑުތަކުރުފާނު ކުރެއްވީ ގެރިއްލާ ސްޓައިލްގެ ހަނގުރާމައެކޭ ވިދާޅުވާ އިލްމުވެރިންވެސް މަދެއް ނޫނެވެ. ސަބަބަކީ ރޭގަނޑުގެ އަނދިރިކަން ޖައްވުގެ މައްޗަށް ވެރިވެގަންނަ ހިނދު، ރާއްޖޭގެ ރަށްތަކަށް އަރުއްވައި ކާފަރުން ގަތުލުކުރެއްވުމެވެ. އަދި އެއަށްފަހު އިރު އެރުމުގެ ކުރިން ރާއްޖޭގެ އަސްދަނި ދޫކޮށް ވަޑައިގެންނެވުމެވެ. މި ހަނގުރާމައިގެ އުކުޅު ވެގެންދިޔައީ އެ ޒަމާނުގައި ކަނޑުގެ ބާާޒުންގެ ގޮތުގައި މަޝްހޫރު ވެގެންދިޔަ ޕޯޗުގީޒުންވެސް ސިހުނު ކަމަކަށެވެ. އެ ތަކުރުފާނުގެ ހިކުމަތު އަމަލީ ވަރަށް ފުރިހަމައަށް ދައްކުވައިދިން މިސާލަކަށެވެ.
މިފަދަ ގެރިއްލާ ސްޓައިލުގެ ހަނގުރާމައެއް ކުރެއްވި ހިނދު، ތަކުރުފާނަށް މާ ކުރިންވެސް ތަކުރުފާނުގެ އާއިލާއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ މަތިން އޮތީ ވިސްނި ވަޑައިގެންފައެވެ. އެހެންކަމުން ޖިހާދަށް ކަމަރު ބަނދެ، ނުކުންނެވުމުގެ ކުރިން އެތަކުރުފާނު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ މަލިކަށް ތަކުރުފާނުގެ އަނބިކަނބަލުންނާއި ތުއްޕުޅު ދަރިކަލުން ފޮނުއްވާލެއްވުމެވެ. ހަނގުރާމައަށް ނުކުންނަވާ ހިނދު، އެތަނުގައި ދެމައިން ހިމާޔަތުގައި ތިބޭނެކަން ޔަގީންވާ ހާލުގައެވެ. ވިސްނުމާއި އިހުސާސްތައް، ގައުމީ ލޯތްބަށް ދެވޭނެފަދަ ހާލުގައެވެ.

މުހައްމަދު ތަކުރުފާނުގެ ހިކުމަތު އަމަލީ ދޭހަވާ އަނެއްކަމަކީ އެ ތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި އޮޑި، އާދެ ކަޅުއޮށްފުންމިއެވެ. މި އޮޑި އެމަނިކުފާނު ބެންނެވީ އެ ޒަމާނުގައި އެހެން ފަރާތަކުން އޮޑިއެއް ނުބަންނާނެހާ މޮޅުގޮތަކަށެވެ. މި އޮޑި ބަނދެފައިވަނީ އެހެން މީހުން އޭރު އޮޑިދޯނި ފަހަރު ބަނދެ އުޅުނު ގޮތާ ޚިލާފަށް ނިރޮޅުގެ ވަކަރުފުށް ބޭރަށް ވާ ގޮތަށެވެ. މިކަމުގެ ސަބަބުން ލޮނުއެޅުން ކުޑަވެ ކަޅުއޮށްފުންމީގެ ދުވެލި ބާރުވާކަމަށްވެއެވެ. ގެރިއްލާ ސްޓައިލްގެ ހަނގުރާމައެއްގައި ބޭނުންކުރަން ވަކި މިއަށްވުރެ މޮޅު އޮޑިއެއް އޮންނާނެހެއްޔެވެ؟ މި އޮޑި ބަނުމަށް ތަކުުރުފާނު ޕޯޗުގީޒު ސަރުކާރުގެ ހުއްދަ ހޯއްދަވައި، އެބައިމީހުންގެ އިސްވެރިއެއް ކަަމަށްވާ ވިޔަޒޯރުގެ އެހީ ހޯއްދެވީވެސް ހިކުމަތު އަމަލީ ފެނިގެންދާފަދަ މޮޅު ގޮތަކަށެވެ.
އެ ޖިހާދަށް މިއަދު އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އެ ޖިހާދުގެ ނިޝާންތައް މި ބިންމަތީ ހުއްޓަސް، ހިތު ތެރޭން މުހައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ ޖިހާދުގެ ހަނދާން ދުވަހަކުމެ ފޮހެވިގެން ނުވާނެއެވެ. އަދި އެ ތަކުރުފާާނުގެ މޮޅު ހިކުމަތު އަމަލީގެ ވާހަކަ ދެއްކުން ދުވަހަކުމެ ހުއްޓިގެން ނުވާނެއެވެ.
މާތްﷲ އެބައިމީހުންގެ ޖިހާދު ގަބޫލުކުރައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް