އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ރިޝްވަތާ އެކު ބަޣާވާތަކުން ވެރިކަން ބަދަލުކުރާނެ: ރައީސް ނަޝީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ރިޝްވަތާއި އެކު ބަޣާވާތަކުން ވެރިކަން ބަދަލު ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރި ކެމްޕޭން ނިންމާލުމަށް މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ މިނިވަން މުއައްސަސާތަކުން ސަރުކާރަށް އޮންނަ އިތުބާރު ގެއްލިގެން ދިއުމުގެ އިތުރަށް ޝަރީއަތްތަކުގައި ސިޔާސީ ކުލަ ޖެހިގެން ދާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި އެމްޑީޕީގެ އެޖެންޑާ 19 އަކީ ރާއްޖޭގައި ހުރި މައްސަލަތަކަށް އޮތް ޖުމްލަ ހައްލެކެވެ. އެގޮތުން އެޖެންޑާ 19 އަކީ ދިވެހި ރައްޔިތުންގެ ހާލަތު މުޅިން ރަނގަޅު ކޮށްދޭނެ ގާނޫނީ އޮނިގަނޑެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުން ފާޅުގައި އަދި ސިއްރުގައި ވައްކަން ކުރުމުން ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށެވެ.
އެހެންވެ މަޖިލިހަށް ހޮވާ މެންބަރުންނަކީ ނަޒާހަތްތެރި ބަޔަކަށް ވާން ޖެހޭނެ ކަމަށާއި އެމްޑީޕީން ނިކުމެ ތިބީ ނަޒާހަތްތެރި ކެންޑިޑޭޓުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް