ވޯލްޑް ކަޕުގައި ކުޅޭ ގައުމުތައް އިތުރު ކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
32 ޓީމުގެ ބަދަލުގައި 48 ޓީމަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅެވޭނެ މަގު ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ ބުނެފިއެވެ.
32 ޓީމުގެ ބަދަލުގައި 48 ޓީމަށް ވޯލްޑް ކަޕުގައި ކުޅެވޭ ޓީމުތަކުގެ އަދަދު އިތުރު ކުރަން މީގެ ކުރިން ފީފާ އިން ނިންމާފައިވަނީ އެމެރިކާ، ކެނެޑާ، އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގައެވެ.
ނަމަވެސް މި ބަދަލު 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ފީފާގެ ރައީސް ހާމަކޮށްފައިވަނީ މެލޭޝިއާގެ ކޯލަ ލަންޕޫރުގައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އައު ހެޑްކުއާޓާސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވޯލްޑް ކަޕުގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު 48 އަކަށް އިތުރުކުރުމުގެ މަސައްކަތްތައް ކުރެވޭނެ މަގުތައް ފަހިކުރަން ގަތަރު އަދި އެހެނިހެން ގައުމުތަކުގެ އޮފިޝަލުންނާއި މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި 2022 ވަނަ އަހަރަށް މި ބަދަލުތައް ނުގެނެވުނަސް އެކަންތައް ހާސިލްކުރުމަށް ފިޔަވަޅުތަކެއް އެޅުނު ކަމުގެ ހިތްހަމަޖެހުން އޮންނާނެ ކަމަށްވެސް ފީފާގެ ރައީސް ބުންޏެވެ.
ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ކުޅެވޭ ފެންވަރުގެ މުބާރާތަކަށް ވޯޕްޑް ކަޕް ހެދެން އެއީ ފީފާގެ އަމާޒުކަމަށްވެސް އިންފަންޓީނޯ ވަނީ ބުނެފައެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަތަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް