ރާއްޖެ ކޮަމަންވެލްތަށް އަލުން ވަނުން ލަސްވެގެން އުޅެނީ ސެކްރެޓަރީ ޖެނެރަލްގެ ސަބަބުން: ރައީސް ނަޝީދު
ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމުގެ ކަންތައްތައް އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ގަސްދުގައި ލަސްކުރައްވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.
އެމަނިކުފާާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިންޑިޔާގެ "ދަ ވަޔަރ" ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްެޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ބެހޭގޮތުން އެ ޖަމާއަތުން މިހާރުވެސް ޖުމްލަ ތިން އެސެސްމެންޓް ހަދާފައިވާ ކަމަށާއި، އިންސާނީ ހައްގުތަކާއި، ސަރުކާރުގެ ހިންގުމާއި ގާނޫނީ ބާރުގެ ދާއިރާތަކުން ކޮމަންވެލްތްގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެ މާ ރަނގަޅުވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތާއި ގުޅުން ލަސްވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޕެޓްރީޝިޔާ ސްކޮޓްލޭންޑް ކަމަށެވެ. އެގޮތުން މާޒީގައި ޗެރީ ބްލެއަރގެ އޮމްނިއާ ސްޓްެރެޓަޖީސްއިން ރައީސް ނަޝީދާއި ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރު ތަމްސީލްކުރުމުގެ ހަނދާންތައް މިހާރު ގެންގުޅެގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފާާހަަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކޮށް އދ.ގެ ވާކިންގ ގްރޫޕަށް ސަރުކާރާއި ދެކޮޅަށް ހުށައެޅުނު މައްސަލައިގައި އެހީވުމަށް 2015ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އަނބިކަނބަލުން ޗެރީ ބްލެއަރގެ އޮމްނިއާ ސްޓްރެޓަޖީސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މިހާރު ކޮމަންވެލްތްގެ އެސްޖީގެ މަގާމުގައި ހުންނެވި ޕެޓްރީޝިޔާއަކީ އެ ދުވަސްވަރުގައި އޮމްނިއާގެ އެޑްވައިޒަރީ ބޯޑް މެންބަރެކެވެ.
މީގެ އިތުރުން އެކަަމަނާ ވަނީ ކުރީގެ ރައީސް ޑރ.ވަހީދުގެ ސަރުކާރުގައިވެސް ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމަނައި ބޭއްވޭނެ ގޮތަކާއި މެދު ކޮންސަލްެޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ދަ ވަޔަރ ނޫހުގައި ބުނެފައިވާ ގޮތުގައި އެފްރިކާގެ ގައުމެއްކަމަށްވާ ގެމްބިޔާއާއި އަޅާބަލާއިރު، ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތަށް ވަނުމުގެ ކަންތައްތައް ވަނީ ލަސްވެފައެވެ. މިކަން ދިވެހިރާާއްޖޭގެ މަސްދަރުތަކުންވެސް ފާހަގަކޮށްފައިވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. ދިވެހިރާއްޖެއިން ވަނީ އަންނަ އަހަރު ރުވަންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ޗޯގަމްގެ ކުރިން ރާާާއްޖެ ކޮމަންވެލްތެްގެ މެންބަރަކަށް ހަމަޖައްސައިިދިނުމަށް އެދިފައެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތާއި ވަކިވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން 2016ވަނަ އަހަރުގައި، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާއި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށްބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް