އިބޫ ރައީސްކަމުގެ ހުވާކުރުން 11 ނޮވެމްބަރ ގައި ބޭއްވުމަށް ގާނޫނީ އެއްވެސް ހުރަހެއްނެތް: އީސީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިލެކްޝަން ކޮމިޝަންގެ ފަސް މެންބަރުން ބައިވެރިވެވަޑައިގަތް މިއަދު ބޭއްވުނު ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ 11 ނޮވެމްބަރ ގައި ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އެކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވި އެގޮތަށް ނިންމެވި ސަބަބަކީ 2013 ވަނަ އަހަރު އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އިއުލާންގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރު ފެށިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ބުނެފައިވާތީ ކަމަށެވެ.
އަދި ނިމިދިޔަ ރިޔާސީ އިންތިހާބް ބޭއްވުނީ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާ ކުރެއްވި ނަމަވެސް ގާނޫނީ ދަތިތަކެއް ކުރިމަތިނުވާނެ ގޮތުގެ މަތިން ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ އިންތިގާލީ ބާބުގައިވާ ގޮތުން އާ ރައީސްއަކު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 11 ގައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ބާތިލްކުރުމުން ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވުނީ އެ އަހަރުގެ ނޮވެމްބަރު 17ގަ އެވެ.
އެހެންކަމުން އޭޖީ އޮފީހުން އިލެކްޝަން ކޮމިޝަނަށް މީގެކުރިން ލަފާދީފައިވަނީ މި ފަހަރު ވެސް ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ގައި ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް