ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ކުރާނަން: އައިޝާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންނަށް ހިދުމަތް ކުރެވޭގޮތަށް ސިޔާސީ މައިދާނުން ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަން އުފަލާއެކު ގަބޫލުކުރާނެ ކަމަށް ގާސިމް އިބްރާހިމް ގެ އަނބިކަބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހޮވުމަށް ކެންޕޭނުގައި އިސްކޮށް ބައިވެރިވެ ވަޑައިގައިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝާ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އައު ސަރުކާރުގައި ސިޔާސީ މަގާމެއް ލިބިވަޑައިގެންފިނަމަ ރައްޔިތުންނަށް ހިދުމަތްކުރައްވަން އެކަމަށް ނޫނެކޭ ވިދާޅު ނުވާނެކަަމަށެވެ. އަދި ކޮންމެ މީހަކުވެސް ސިޔާސީ ގޮތުން ގައުމަށް ކޮންމެވެސް ކަމެއް ކުރަންޖެހޭކަމަށް ދެކެވަޑައި ގަންނަވާކަމަށާއި، އެހާލަތު މެދުވެރި ވެއްޖެނަމަ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
"މީގައި މި އޮންނަނީ މަގާމެއް ނޫން. މީގައި ބަލަން ބޭނުންވަނީ ހިދުމަތްކުރުން. މަގާމެއް ނޫނީ ޕާޓީއަކުން ލިބޭ ވަޒީފާއެއް ނޫން މުހިންމު ކަމަކީ. ރައްޔިތުންނަށް ހިދުމަތް ކުރެވޭ ކޮންމެ ހާލަތެއް އަތުވެއްޖެނަމަ އެކަމަކާ ގުޅުންހުރި ކޮންމެ ކަމެއްގައި އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ހިދުމަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އެކަމަށް މަރުހަބާ ކިޔާނަން" އައިޝާ ވިދާޅުވިއެވެ.
ސިޔާސީ މައިދާނަން ނުކުންނެވީ ކަންކަމުގައި ބަސް ބުނަންޖެހޭ ހާލަތެއް އައުމުން ކަމަށްވެސް އައިޝާ ވިދާޅުވިއެވެ. އެ ހާލަތަކީ އައިޝާގެ ފިރިކަލުން ގާސިމްއަށް ޖަލުހުކުމެއް އައިސް ރާއްޖެއިން ބޭރަށް އަހަރަކަށްވުރެ ގިނަދުވަހު އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމެވެ. އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ވެސް ވަނީ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށްފައެވެ. މިކަންކަން އައިޝާ ފާހަގަ ކުރެއްވީ އާއިލާއަށް ދިމާވި ހިތްދަތި ދުވަސްތަކެއްގޮތުގައެވެ.
އައިޝާ ވިދާޅުވީ ކުރިންވެސް ފިރިކަލުން އެތައް ފަހަރެއްގެ މަތިން ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތުމަށް އެދިވަޑައިގަންކަމަށާއި ނަމަވެސް އޭރު ނުނިކުންނެވީ ބޭނުންފުޅު ނުވާތީ ކަމުގައެވެ. އަދި އޭރު އަމިއްލަ މަސައްކަތެއް ކުރެއްވުމުގެ ހިޔާލު ގެންގުޅުއްވާކަމަށާއި ކިޔަވައިގެން ހުންނެވި ދާއިރާ ތަފާތުކަމުން ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކުއްލިގޮތަކަށް ސިޔާސީ މައިދާނަށް ނުކުންނެވުމުން ވަރަށް ގިން ސުވާލު ކުރިމަތިވިކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް