ޗައިނާގެ ފުލުހުންގެ ކާރެއް
ޗައިނާގެ ފުލުހުންގެ ކާރެއް
ދުނިޔެ 04 Sep 2024 | 08:43

ޗައިނާގެ ސްކޫލް ބަހެއް އެކްސިޑެންޓުވެ 11 މީހުން މަރުވެއްޖެ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގައި ސްކޫލެއްގެ ބަހެއް މީހުންގެ ގައިގައިޖެހި ފަސް ދަރިވަރުންނާއެކު 11 މީހުން މަރުވެއްޖެ އެވެ.

ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނީ، ޝަންޑޮންގް ޕްރޮވިންސްގެ ޓައިއާން ސިޓީގެ ސްކޫލަށް ދިޔަ އިރު ޑްރައިވަރުގެ ކޮންޓްރޯލް ގެއްލުނީ ޖީއެމްޓީ ގަޑިން 23:27 ހާއިރު ކަމަށެވެ.

ސީސީޓީވީން ބުނި ގޮތުގައި ބަސް ކޮންޓްރޯލުންކެނޑި މަގުގެ އެއްފަރާތުގައި ތިބި ބެލެނިވެރިންނާއި ކުޑަކުދިންތަކެއްގެ ގައިގައި ޖެހުނީކަމަށެވެ.

”މިހާތަނަށް 11 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހަ ބެލެނިވެރިންނާއި ފަސް ދަރިވަރުން ހިމެނޭ،" ބްރޯޑްކާސްޓަރުގެ އަޕްޑޭޓެއްގައި ބުނެފައިވެ އެވެ.

އަދި އެކަކުގެ ހާލު ސީރިއަސް ކަމަށާއި އިތުރު 12 މީހެއްގެ ހާލަތު "ސްޓޭބަލް" ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ސީސީޓީވީން ބުނީ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޗަންގްޝާގައި ވެހިކަލެއް މީހުންގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަށް މީހުން މަރުވެ ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް