ޑރ.ޝަހީމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލާފައިވާ ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލައިގައި، މަރުކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަފްރާޝީމްގެ މައްސަލައިގެ ތަހުގީގަށް ޝަހީމު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީ، އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އަފްރާޝީމް އަވަހަރާކޮށްލި އިރު ޝަހީމަކީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. މަރު ކޮމިޝަންގެ ތަހުގީގަށް އޭނާއާ ސުވާލުކުރީ، ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ.
ޝަހީމު ވިދާޅުވީ އެޕްރޮގްރާމަށް ފުރުސަތު ލިބުނީ އެކަމަށް ޑރ. އަފްރާޝީމު އެދިވަޑައިގަތުމުން ކަމަށެވެ.
ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދަވައިދެއްވައި، އިލްމުވެރިންނާ ދެމެދު އޮތް ހިޔާލުތަފާތުވުންތައް ނައްތާލަން މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވަން އެދިވަޑައިގަތީ އަފްރާޝީމް ކަމަށެވެ. އެހާ ބޮޑު އިތުބާރެއް ކުރައްވައި އެގޮތަށް އެދިވަޑައިގަތުމުން، އެ ނުތަނަވަސްކަމަށް ހައްލު ހޯއްދަވައި ދެއްވުމަކީ، ޝަހީމް ވިދާޅުވި ގޮތުގައި، އޭނާގެ ވާޖިބެކެވެ.
މަރުކޮމިޝަނުގެ އެރިޕޯޓުގައި އަފްރާޝީމުގެ މަރު ގުޅުވައިފައިވަނީ ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް