ބޮޑުތަކުރުފާނު މަގު ފުޅާކުރުން: ފުރަތަމަ ބައި ނިންމާ އާންމުންނަށް ހުޅުވާލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭ ބޮޑުތަކުރުފާނު އެމްއެމްއޭ ކުރިމައްޗާ ދިމާލު ހަތަރު ލޭނަށް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތް މުޅިން ނިންމާ އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފި އެވެ.
ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ ގޮތުން ސެގްމަންޓް އެކެއްގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްއެމްއޭ ސަރަހައްދުގަ އެވެ. މަގު ފުޅާކުރުމަށް މި ސަރަހައްދުން 132 މީޓަރު ސަރަހައްދެއްގައި ޝީޓްޕައިލްކޮށް ހިއްކި އެވެ.

އަދި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ފަހު މިއަދު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ، މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 144,509,024.16 ރުފިޔާ އަށެވެ. މި މަސައްކަތް 455 ދުވަސްތެރޭ ނިންމަން ޖެހެއެވެ.
އެމްޓީސީސީން ބުނީ ދެވަނަ ސެގްމަންޓްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެކަމަށްވާން ޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް