ުކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު މިނިވަންވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިއުލާންކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރެވުނު ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ފުލުހުންގެ ހައްޔަރުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަސަން ސައީދު މިނިވަން ކުރަން ނިންމާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހުގައިވެސް ޖަލު ބަންދުގައި ބަހައްޓާފައި ހުރުމުން އެ މައްސަލަ ކްރިމިނަލް ކޯޓަށް އޭނާގެ ފަރާތުން ހުށައެޅުމުންނެވެ.
ހަސަން ސައީދު މީގެ ކުރިން ބަންދުގައި ބަހައްޓައި، ހުކުމްކޮށްފައިވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލަ ސާބިތުވުމުންނެވެ. އޭނާއާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަލްެެއުސްތާޛު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްެއުސްތާޛު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާތައް ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސްޕްރީމް ކޯޓުގައި ހުންނަވަނިކޮށެވެ. އޭނާއާއި އެކު ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންވެސް ހައްޔަރުކުރެވުނު އިރު، އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ޖަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް