ސްވިމިން ޕޫލް ހަދާ ބިން ސާފުކުރަން ފަށައިފި
މާލޭގައި އޮލިމްޕިކް ސައިޒްެގެ ސްވިމިން ޕޫލެއް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމަށް ނިންމައިފިއެވެ.
މި ޕޫލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އެއް މަސް ދުވަހުގެ ތެރޭގައި އެކަންކުރާ ގޮތަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއިއެވެ.
މި ޕޫލް ހަދަނީ މާލޭގެ ކުޅިވަރު އެކުވެނި ކައިރީގައި ކުރިން ކުނިކޮށި ހުރި ބިމުގައެވެ. މި މަސައްކަތް ފެއްޓުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާާތުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދު ސައްތާރު (ޗަމްޕީ) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދެ ފަންގިފިލާ ހިމޭނެ ގޮތަށް ގާއިމްކުރާ މި ކޮމްޕްލެކްސްގައި ޕޫލް ގާއިމު ކުރަނީ ފުރަތަަމަ ބުރީގައެވެ. މިތަނުގެ ފްލޯގައި ހިމެނޭނީ ކެފެޓީރިޔާއަކާއި ސްވިމިންގެ އެކްސަސައިޒްތަކަށް ހާއްސަ ޖިމެކެވެ.
މި ޕޫލްގައި 50 މީޓަރުގެ 10 ލޭން ހިމެނޭނެ އެވެ. އަދި ވޯމް އަޕަށް ހާއްސަ ކޮށްފައިވާ 25 މީޓަރުގެ ހަތަރު ލޭންވެސް ވަކިން ހިމެނޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް