ޕޮލެންޑް
ޕޮލެންޑް
ދުނިޔެ 02 Sep 2024 | 10:01

ޕޮލެންޑުގައި ފަސް އަހަރު ވަންދެން އަންހެނަކު ބަންދުކޮށްގެން ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ފަސް އަހަރު ވަންދެން އަންހެނަކު ބަންދުކޮށްގެން ގެންގުޅެ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިން ކަމަށް ތުހުމަތުގާ މަޓިއުޒް ޖޭ ޕޮލެންޑުން ހައްޔަރުކޮށްފިއެވެ.

ލެގްނިކާ ޓައުންގެ ޕްރޮސެކިއުޓަރުން ބުނި ގޮތުގައި އެ އަންހެންމީހާ ބަންދުކޮށްގެން ގެންގުޅެން ފެށީ 2019ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ.

އަދި މިދިޔަ ހަފުތާގައި އެ އަންހެންމީހާ ސަލާމަތްކޮށްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އެ އަންހެންމީހާ ބަންދުކޮށް ބަހައްޓާފައިހުރީ ގްލޯގޯ ކައިރީގައި އޮންނަ ގައިކީ އަވަށުގައިކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މަޓިއުޒް ޖޭ އެކަންޏެވެ.

މީޑިއާތަކުން ބުނެފައިވާގޮތުން އުމުރުން 30 އަހަރުގެ އެ އަންހެން މީހާ ބަހައްޓާފައި ހުރީ ފެނާއި ފާހާނާގެ އެއްވެސް ވަސީލަތެއް ނެތް އިމާރާތެއްގަ އެވެ. އަދި އެތަނުގައި އޭނާއަށް ތަކުރާރުކޮށް ޖިންސީ އަދި ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ގްލޯގޯގެ ލޯކަލް ނޫސްތަކުން ބުނާ ގޮތުގައި އޭނާ އެ އަންހެން މީހާ ބަންދުކޮށް ބަހައްޓާފައި ހުރީ އޭނާގެ އާއިލީ ދަނޑުގެ ޝެޑެއްގަ އެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހު އެ އަންހެން މީހާ ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަކަށް ގެނައި ވަގުތެއްގައި އެތަނުގެ މުވައްޒަފެއްގެ ކައިރީ އޭނާގެ ހާލަތު ކިޔައިދިނުމުންނެވެ.

އެކަމާ ގުޅިގެން ފިރިހެންމީހާ ހައްޔަރުކޮށް ސުވާލު ކުރުމުން އެކަން ކުރި ކަމަށް އޭނާ އެއްބަސްވެފައެއް ނުވެއެވެ. ކުށް ސާބިތުވެއްޖެ ނަމަ 25 އަހަރުގެ ޖަލު ހުކުމެއް އޭނާ އަށް އަންނެކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް