އާޒިމާގެ ވާހަކަފުޅަށް މަޖިލީހުގެ ނައިބު ރައީސް މޫސަ ރައްދު ދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުން މަޖިލިސްގެ ރައީސް ކަމަށް ގާސިމް އިބްރާހިމް އައްޔަނު ކުރެވުމުން އެކަމަށް ފާޑުވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަޒް މިނިސްޓަރު އާޒިމާ ޝުކޫރު ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ރައްދު ދެއްވައިފިއެވެ.
ހުޅުހެންވޭރު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުންދާ މޫސަ އެ ވާހަކަތަކަށް ރައްދު ދެއްވީ މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެޓާނީ ޖެނެރަލް ކަންވެސް ކުރައްވާފައިވާ އާޒިމާ ޝުކޫރު ވަނީ 65 އަހަރުން މަތީ ބޭފުޅަކު ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް އައްޔަނު ކުރުމުން އެކަމަށް ފާޑު ވިދާޅުވެ، މިޖިލިސްގެ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބު ކުރައްވާފައިހުރި ބޭފުޅަކު އެކަމަށް އުޒުރުވެރި ވެއްޖެނަމަ އޭގެން މަގާމަކާވެސް ހަވާލުވާން ހުންނަވާ ބޭފުޅާކަމަށް ވީހިނދު، ގާސިމް އިބްރާހީމް އަކީ އެމަގާމަށް ޝަރުތުހަމަނުވާ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.
މިކަމަށް ރައްދު ދެއްވަމުން މޫސާ ވިދާޅުވީ ކަންކަން އޮންނަ ގޮތް ބެއްލެވުމަށްފަހު ގާނޫނީ ވަކީލުންވެސް ވާހަކަ ދެއްކެވުމަށް އެދޭ ކަމަށެވެ.
މޫސަ ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ 4ގެ ހ ގައި ވާގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ކުރިމަތިލުމުގެ ޝަރުތަކީ 18 އަހަރު ހަމަވެފައިވުން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް އެ މަޖިލިސްގެ ކޮންމެ މެންބަރަކަށް 82 ވަނަ މާއްދާގެ ދަށުން ކުރިމަތި ލެވޭނެކަމަށެވެ.
2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް އައި ބަދަލަކީ 65 އަހަރުން މަތީގެ ބޭފުޅަކަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެކަން ކަމަށް މޫސާ ވިދާޅުވިއެވެ.
އަދި ގާނޫނުއަސާސީގެ 124 ވަނަ މާއްދާގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ބޭފުޅަކު ނެތް ކަމުގައި ވަނީ ނަމަ އެމަގާމަށް މީހަކު އިންތިހާބަކުން އައްޔަނު ކުރެވެންދެން މަޖިލީހުން ހަމަޖައްސަވާ ބޭފުޅަކު އެމަގާމުގައި ފުރުއްވަމުން ގެންދަވާނެ ކަމަށެވެ. އެއީ އެ މަގާމު އެ މެންބަރަކަށް ލިބުނީ ނޫން ކަމަށް ވެސް މޫސަގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިއީ ތައާރަޒްވާކަމެއް ނޫންކަމަށާއި މައްސަލައެއްވެސް ނޫންކަމަށް ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ ރައްޔިތުން މަޖިލީހުންވެސް އެކަން ހަވާލުކުރާނީ އެކަމަށް ކުފޫ ހަމަވާ މީހަކަށް ކަމަށާއި އެކަން މަޖިލީހުން ނިންމާނީ ގާނޫނު އަސާސީ ގައި ބުނެފައި ވާގޮތައް މަޖިލީހުން ފާސްކުރާ ގަރާރަކުން ކަމަށެވެ.
މަޖލީހުގެ ތިއްބަވާ މެންބަރުންނަށް ގާނޫނީ ލަފާ އަރުވާ ވަކީލުން ތަކެއް ތިއްބަވާނެ ކަމަށާއި އަދި އާޒިމާގެ ވާހަކަފުޅާއި ގުޅިގެން ބަޔާނެއް ނެރުއްވާނެ ކަމުގައިވެސް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސް ހޮވާފައިވަނީ ގާނޫނު އަސާސީ ގައި އެކަން ކުރައްވަން އޮތް ގޮތަށްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް