ޓެރަރިޒަމުން މިންޖުވުމަށް ގައުމުތަކުން މައުލޫމާތު ހިއްސާކުރަން ޖެހޭ: ރައީސް
ޓެެރަރިޒަމުން މިންޖުވުމަށް ގައުމުތަކުން އެއް ގައުމު އަނެއް ގައުމަށް މައުލޫމާތު ހިއްސާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ)ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަކީ 21 ވަނަ ގަރުނުގައި ވަރަށް އާންމުވެފައިވާ ނުރައްކާތަކެއްކަމަށެވެ. އެގޮތުން ދާދިފަހުން އަވަށްޓެރި ލަންކާއަށް ދިން ޓެރަރިސްޓު ޙަމަލާ މިސާލެއްގެ ގޮތުން ފާހަގަކުރެއްވިއެވެ. މިފަދަ ނުރައްކާތަކުން މިންޖުވުމުގެ ގޮތުން ސަރަހައްދީ ޤައުމުތަކުން އެއްޤައުމު އަނެއް ޤައުމަށް މަޢުލޫމާތު ޙިއްޞާކޮށް މިފަދަ ނުރައްކާތައް ނެތިކޮށްލުމަށް މަސައްކަތް ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ބަލާއިރު، ކަނޑަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވައި، ކަނޑުދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަމާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަނޑުމަގުން ކުރެވޭ އެކިއެކި ވިޔަފާރިތަކަކީ ދުނިޔޭގެ ކަނޑަތަކާބެހޭ ޤާނޫނުތަކާ އެއްގޮތަށް ހިނގަމުންދާ ވިޔަފާރި ތަކެއްކަން ކަށަވަރު ކުރެވެން ޖެހޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ އިންސާނީ ވަގުފާރިއާއި ޑްރަގްގެ ވިޔަފާރީގެ ދޮރުތައް ބަންދުކުރެވި، ދެމެހެއްޓެނިވި ނޫންގޮތްގޮތަށާއި ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަންފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރަހައްދުގެ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް އިޤްތިޞާދީ ކަންކަން ފުޅާކުރުމަށް ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ޤައުމުތަކުން ބައިވެރިވާ މި ކޮންފަރެންސް މިއަދާއި މާދަމާ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައެވެ. މި ކޮންފަރެންސްފައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިންގެ ތެރޭގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް