ޑރ.ޝަހީމްއާއި އެކު އިތުރަށް ސިޔާސީ ހަރަކާތް ކުރިއަށް ގެންދަން ދަތިވާނެ: ޝައިހް އިމްރާން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ޕީޕީއެމްގެ ރަނިންގްމޭޓެއްގެ ގޮތުގައި ހަރަކާތްތެރިވެލެއްވި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އެކު އިތުރަށް ސިޔާސީ މަސައްކަތް ކުރުމަށް ދަތިވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިހް އިމްރާން މިހެން ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން، ގޭބަންދުގައި ހުންނެވުމަށްފަހު މިނިވަން ވެޑައިގެން، މިރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިހް އިމްރާން ވިދާޅުވީ ޑރ. ޝަހީމްއާއި އެކު ދެން ސިޔާސީ މަސައްކަތް ކުރުމަށް ދަތިވާނެކަމަށާއި، އެމަނިކުފާނު ގަބޫލުކުރާ ގޮތްތައް ދޫކޮށްލުމަށްފަހު ޑީލެއް ނަހައްދަވާނެކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ވޭތުކުރެއްވި ތިން އަހަރަކީ މުޅި ހަޔާތުގަވެސް އެފަދައިން ވޭތުކުރައްވާފައި ނުވާ ތިން އަހަރު ކަމަށެވެ.
"ޖަލުގެ ތަޖުރިބާއަކީ ހިތްދަތިކަން ތަޖުރިބާ ކުރަން ޖެހުނަސް، ލިބުނު ހެޔޮ ކަންތައްތައް ގިނަ ތަޖުރިބާއެއް"، ޝައިޚް އިމްރާން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަލަކީ ހެޔޮ ކަންތައްތައް ދަސްކޮށްދެވިއްޖެނަމަ ރަނގަޅު ބަޔަކު މުޖުތަމައު އަށް ނެރެވޭނެ ފަދަ ތަނެކެވެ.
އިންތިހާާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ ސަރުކާރާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިހް އިމްރާން ވިދާޅުވީ އިބޫގެ ރިވެތި އަހުލާގާއި، ކުރިން ކުރެވިފައިވާ ތަޖުރިބާއާއި އަދި ވިސްނުމަށްވެސް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެ ކޯލިޝަން ދެމެހެއްޓޭނެ ކަމަށެވެ. އަދި އިބޫއަކީ ދިވެހިން ގޮވައިގެން ސަލާމަތުގެ އައްސޭރިއަކަށް ދެވޭފަދަ މާާލިމީއެއްގެ ގޮތުގައި، ޝައިހް އިމްރާންވަނީ އިބޫ ސިފަކުރައްވާފައެވެ.
މިރޭ އެމަނިކުފާާނު ވަނީ ކޯލިޝަންގެ ހިތްވަރަށް ތައުރީފު ކުރައްވައި، އާ ސަރުކާރާއި މެދު ފޮނި އުންމީދުތަކެއް ކުރައްވާކަން ވިދާޅުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޝައިހް އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ބާރަ އަހަރުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުން ވަގުތީގޮތުން ތަންފީޒުކުރުން ހުއްޓުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް