ކަޝްމީރުގެ މައްސަލަ އިންޑިޔާއާއި ޕާކިސްތާާނުން ވާހަކަ ދައްކައިގެން ހައްލުުކުރޭ: ދިވެހިރާއްޖެ

23 Aug 2019 | 19:31

ޒަމާނުއްސުރެ އިންޑިޔާއާއި ޕާކިސްތާާނާއި ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ޖައްމޫ އަދި ކަޝްމީރުގެ މައްސަލަ، ދެގައުމުން ވާހަކަދައްކައިގެން ހައްލުކުރުމަށް ދިވެހިރާއްޖެއިން އެދިއްޖެއެވެ.

ދިވެހިރާއްޖެއިން މިހެން އެދިފައިވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަހުމޫދު ގުރައިޝީއާއި ރާއްޖޭގެ ފޮރިން މިިނިސްޓަރ އަބްދުﷲ ޝާހިދު ފޯނުން ދެއްކެވި ވާހަކަފުޅެއްގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އިންޑިޔާއާއި ޕާކިސްތާނަކީވެސް ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ދެމެދު ގާތް ޚާރިޖީ ގުޅުމެއް އޮތް ދެގައުމުކަމަށާއި ކަޝްމީރުގެ މައްސަލަ ސުލްހަވެރި ގޮތެއްގައި ހައްލުކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޒަމާނުއްސުރެ ކަޝްމީރުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅެމުންދިޔަ އުސޫލެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އިންޑިޔާގެ ގާނޫނުއަސާސީން ކަޝްމީރަށް ދީފައިވާ ޚާއްސަ ރައްކާތެރިކަން އުވާލުމަކީ އިންޑިޔާގެ ދާޚިލީ ކަމެއްކަމަށެވެ. އަދި އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގާތްގުޅުން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން މިނިސްޓަރ ގުރައިޝީއަށް ޝާހިދު ވަނީ އަރުވާފައެވެ.

Advertisement

ކޮމެންޓް