އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު
ފަހަކަށް އައިސް އެމްޑީޕީ އަމާޒު ހިފާފައިވާ މިސްރާބަކީ ނުހަނު ކަންބޮޑުވުން އުފެދޭ މިސްރާބަކަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ "ޓަކާ ޓަކާ މިސްރާބަށް ވަޑައިނުގަތުމަށް ދަންނަވަން" މި ނަމުގައި އާންމުކުރި ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ވިދާޅުވީ އެމްޑީޕީ ސިފަވާ ގޮތް ތަފާތުވާން ފަށައިފި ކަމަށާ ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނައެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވާ އެފަދަ ބޯދާ ފަލްސަފާއަކަށް ވަކާލާތުކުރާ ބައެއްގެ ގޮތުގައި އެމްޑީޕީ ސިފަވާން ފަށައިިފި ކަމަށެވެ. މިއީ އެމްޑީޕީގެ ސިޔާސީ ތޮބިއްޔަތު ކަނޑައެޅި އެންމެ ކުރީގެ ގިނަ މެންބަރުންނާއި ސަޕޯޓަރުން ޕާޓީގެ ފަލްސަފާ ތަސައްވުރުކުރި ގޮތް ނޫން ކަަމަށްވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަތިވެރި އިސްލާމީ އުސޫލުތަކުގައި ސާބިތުވެތިބެ ގިނަ ގޮތްތައް ހިމެނޭ މުޖްތަމައުއެއްގެ ދިވެހި ވަންތަކަން ބިނާކުރުމުގެ ވިސްނުމާއި އަދި ހުޅުވިފައިވާ ސިކުނޑީގެ އަހުލުވެރީންގެ ގައުމަކަށް ރާއްޖެ ބަދަލުކުރުމުގެ ވިސްނުމަށް ދެރަ ލިބެމުންދާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ސިޔާސީ ފައިސާ ހޯދުމަށްޓަކައި އެމްޑީޕީގެ މައިގަނޑު އަސާސް ދުރުކުރުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން ކަމަށާ އެއީ ސްޓެރެޓިކް ގޮތުން އަމިއްލައަށް ބަލިވުން ކަަމަށެވެ.
ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގާ ތަނަވަސްކަން ހޯދާދޭނެ ޕްރޮޖެކްޓަކާއި ޒައިނިޒަމް އާއި ގުޅުވާ އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަ ވާނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީ މިވަގުތު މިވަނީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީގަ އެވެ. ޓަކާ ޓަކާ މަގު ކަމަށް އެމްޑީޕީން މީގެ ކުރީން ބުބަމުން އައި މަގަށް އެމްޑީޕީ އެނބުރިއްޖެނަމަ ޕާޓީގެ ތޮބިއްޔަތީ އަދި ގޮތާއިފޮތް ގެއްލި ދިއުމުގެ ނުރައްކާ އެބަ އޮތެވެ. އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއްގައި ޕާޓީ ނުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ،" ނަޝީދުގެ ބަޔާނުގައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް