ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 63،000 ރުފިޔާއާއި، 21،000 ޑޮލަރު ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
މަކަރާއި ހީލަތުން (ސްކޭމްކޮށްގެން) މީހެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހުއެވެ.
އެ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ގުޅައި، އޮޅުވާލައިގެން އޯޓީޕީ (OTP) ކޯޑު ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކު އެކައުންޓަށް ވަދެފައިވާ ކަމަށާ، އަދި އެ އެކައުންޓުން 63,000 ދިވެހި ރުފިޔާއާއި 21,000 އެމެރިކާ ޑޮލަރު (ޖުމުލަ 386،820 ރުފިޔާ) މަކަރާއި ހީލަތުން ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:
އިބްރާހީމް ޝާރިފް (34އ)، ގޯލްޑަންގޭޓް / ޏ. ފުވައްމުލައް، ދޫޑިގަން
ޖިނާޙު އަޙްމަދު (29އ)، މަތަރެސްމާގެ / ފ. ފީއަލި
އިބްރާހީމް މުޢާޒު (38އ)، ނަޒުމު / ފ. ނިލަންދޫ
ޢަލީ ދާއިން (21އ)، ލިލީނައިޓް / ލ. ގަން، މަތިމަރަދޫ
ފުލުހުން ބުނީ، މި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ ޖެހިގެން އައި އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް