ލޯބީގެ ދަލުގައި ޖައްސައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
އިންޓަނެޓް މެދުވެރިކޮށް މީހުންނާ ގުޅުން ބަދަހިކޮށް، ލޯބީގެ ދަލުގައި ޖައްސައިގެން ފައިސާ ހޯދުމަށް ހިންގާ "ރޮމޭންސް ސްކޭމް" ތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ (އިންޓަޕޯލް) އިން އާންމުކޮށްފައިވާ ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.
ފުލުހުން ހިއްސާކުރި މެސެޖުގައި ބުނި ގޮތުގައި، މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ޝިކާރައަކަށް ހަދާ މީހާގެ އިތުބާރު ހޯދުމަށް މަސްދުވަސްތައް ހޭދަކުރެއެވެ. އަދި އޮންލައިންކޮށް ގިނަ ދުވަސްތަކެއް ވަންދެން ވާހަކަދައްކައި، ފޮޓޯ އާއި ވީޑިއޯ ބަދަލުކޮށް، އެމީހުންގެ އަޑު އަހާފައިވީ ނަމަވެސް ފައިސާ ހޯދަން އެދޭ ހިސާބުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އެއީ ޒަމާނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްލާ އެއްގޮތް ފޮޓޯ، ވީޑިއޯ އަދި އަޑު އުފެއްދުމުގެ ފުރުސަތު މިހާރު އޮތްކަން ފުލުހުންގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
އިންޓަޕޯލްގެ ވީޑިއޯ މެސެޖާ ހަވާލާދީ ފުލުހުން ބުނީ، އިންޓަނެޓުން ފެންނަ ކޮންމެ އެއްޗަކީ ހަގީގަތަކަށް ނުވެދާނެ ކަމަށާއި، މަދު ފޮޓޯއަކާއި އޯޑިއޯ ކޮޅެއް ބޭނުންކޮށްގެން ވެސް މީހެއްގެ ސިފައާއި އަޑު ނަކަލުކޮށްލުމުގެ ގާބިލުކަން އޭއައި އަށް މިހާރު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ހަގީގީ މީހެއް ކަމަށް ހީކުރެވުނަސް އެއީ ސްކޭމަރަކަށް ވުމުގެ ފުރުސަތު އޮވެއެވެ.
މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ފުލުހުން ވަނީ މުހިންމު ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އެދިފައެވެ:
މަޑުކޮށްލުން: އިންޓަނެޓުން ދިމާވި މީހަކު، ކިތަންމެ ގާތް މީހެއް ކަމަށް އިހުސާސްވި ނަމަވެސް، ފައިސާ ނުވަތަ ޒާތީ މައުލޫމާތު ހޯދަން އެދިއްޖެނަމަ ވަގުތުން އެ ބުނާ ކަމެއް ނުކޮށް މަޑުޖެހިލާށެވެ. އަދި ވިސްނައި، ހާލަތު ވަޒަންކުރާށެވެ.
ކަށަވަރުކުރުން: ފައިސާ ފޮނުވުމުގެ ކުރިން ނުވަތަ ޒާތީ މައުލޫމާތު ހިއްސާކުރުމުގެ ކުރިން އެ ވާހަކަދައްކަނީ ކާކާކަން ޔަގީންކޮށް ކަށަވަރުކުރާށެވެ.
ރިޕޯޓްކުރުން: އެއީ ސްކޭމެއް ކަމަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮށް ވަގުތުން ފުލުހުންނަށް ރިޕޯޓްކުރާށެވެ.
ފުލުހުން ވަނީ "މަޑުކޮށްލާ، ކަށަވަރުކުރޭ" މި އުސޫލު އިސްކޮށް، އޮންލައިންކޮށް ބައްދަލުވާ ފަރާތްތަކުން ފައިސާއަށް އެދޭ ހާލަތްތަކުގައި ވިސްނުންތެރިކަން އިސްކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް