”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ހުޅުވާލެވިފައިވާ ވިސްނުންތަކަށާއި، ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަށް ވަކާލާތުކުރި ޕާޓީއެއް ކަމަށެވެ. ނަމަވެސް، މިހާރަކަށް އައިސް ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމާއި، ”ހައްދުފަހަނައެޅި ގައުމިއްޔަތު“ ފަތުރާ ޕާޓީއެއްގެ ސިފަ އެމްޑީޕީން ފެންނަމުންދާ ކަމަށާއި، މިއީ ޕާޓީ އުފެދިގެން އައި އަސާސްތަކާއި، ސިޔާސީ އައިޑެންޓިޓީއާ މުޅިން ޚިލާފު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންތިޚާބީ ކާމިޔާބީ ހޯދުމަށްޓަކައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައި، ޕޮޕިއުލިސްޓް އުކުޅުތައް ބޭނުންކުރުމަކީ އެމްޑީޕީގެ އަސްލު ސަޕޯޓަރުން ކަމަށްވާ މެދުމިނުގެ، މިނިވަން ވިސްނުމުގެ މީހުން ޕާޓީއާ ދުރަށް ދާނެ ކަމެއް. ވަގުތީ ސިޔާސީ މަންފާއަކަށްޓަކައި މިފަދަ މަގަކުން ދިއުމަކީ ލިބޭ ބޮޑު ނާކާމިޔާބީއެއް.
މި މޭރުމުން ވާހަކަދައްކަވަމުން، އެމަނިކުފާނު ވަނީ މާޒީގައި އެމްޑީޕީން ކުރިއަށްގެންދިޔަ "ބިރަކާ ނުލައި މަޖާކުރުން" ކެމްޕޭނުގެ ހަނދާންތައް އައުކުރައްވާފައެވެ. އެ ކެމްޕޭނުގެ ސަބަބުން ޕާޓީގެ މަގުބޫލުކަން އިތުރުވެ، އެހެން މީހުން ބާކީނުވެ، ގާތްގަނޑަކަށް ވިހި ހާހެއްހާ އިތުރު ވޯޓު ޕާޓީއަށް ލިބިގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ ބަދަލުގައި، ދީން ސިޔާސީ ހަތިޔާރަކަށް ހެދުމާއި، ”ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޕާޓީގެ އިތުބާރު ގެއްލި، ގައުމީ، ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށަށްދާނެ ކަމެއް
އެމްޑީޕީ މިހާރު އޮތީ ވަރަށް ނާޒުކު ހިސާބެއްގައިކަން ފާހަގަކުރައްވައި، ޕާޓީ އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓުނަނުދީ ސަލާމަތްކުރުމަށް ޕާޓީގެ އިޚްލާސްތެރި މެންބަރުން ކުރިއަށް ނުކުތުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި ސިޔާސީ ކަންކަމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ ހިކުމަތާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދި ދުޢާކުރެއްވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލެ ތަރައްޤީކުރަން އީގަލްސް ހިލްސް އާ ހަވާލުކުރުމާ ގުޅިގެން އެކަމަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައި، އެ މަޝްރޫޢު ހުއްޓާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް