ބްރައިންފޮގް
ބްރައިންފޮގް
ލައިފްސްޓައިލް 24 Jul 2026 | 11:03

ބްރެއިން ފޮގް؛ ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަނެ ވިސްނުން ތޫނުކުރާނީ ކިހިނެއް؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.

ބްރެއިން ފޮގްވުމަށް މެދުވެރިވާ ސަބަބުތައް

ބްރެއިން ފޮގްވުމަށް ތަފާތު ސަބަބުތައް މެދުވެރިވެއެވެ. އޭގެ ތެރޭގައި މެނޮޕޯޒާއި، ޕެރިމެނޮޕޯޒް، ލޯންގް ކޮވިޑް، އަދި ލޫޕަސް ފަދަ އޮޓޯއިމިއުން ބަލިތައް ހިމެނެއެވެ. މީގެ އިތުރުން، އެއް ފަހަރާ މާ ގިނަ ކަންކަމާ ވިސްނަންޖެހުމާއި، ހަފުތާ ބަންދަށްފަހު މަސައްކަތަށް ނުކުންނަ އިރު ސިކުނޑިއަށް ކުރާ ބާރުގެ ސަބަބުންވެސް މިކަން ތަޖުރިބާކުރަން ޖެހެއެވެ.

ތަޖުރިބާކާރުންގެ އިރުޝާދު

އަމިއްލަ ނަފުސަށް ލުއިދިނުމާއި ހާލަތު ބަލައިގަތުން: ބްރެއިން ފޮގް އަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެއްކަން ގަބޫލުކުރަންޖެހެއެވެ. މިއީ ތިބާގެ ނުކުޅެދުންތެރިކަމެއް ނޫނެވެ. އެހެނެއްކަމަކު މިއީ ސިކުނޑި ވަރުބަލިވެ ބާރުބޮޑުވުމުން އެކަން އަންގައިދޭ ނިޝާނެކެވެ. އެހެންކަމުން، މަސައްކަތުގެ ދުވެލި މަޑުކޮށް، ބައެއް ޒިންމާތައް އެހެން މީހުންނާ ހަވާލުކޮށް އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.

ދުވަހުގެ ތާވަލެއް އެކުލަވަައިލުން: ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ކުރީބައިގައި ތަރުތީބުކޮށްލުމުން، ސިކުނޑިން އިތުރަށް ވިސްނަންޖެހޭ މިންވަރު މަދުވެއެވެ. ހެނދުނާއި ރޭގަނޑުގެ ރޫޓީނެއް ކަނޑައެޅުމާއި، އަދި އަނެއް ދުވަހަށް ބޭނުންވާ ހެދުމާއި ނާސްތާ ކުރީބައިގައި ރޭވުމަކީ ސިކުނޑީގެ ބުރަ ލުއިކޮށްދޭނެ ކަންކަމެވެ.

ހަރަކާތްތަކުގެ ދެމެދުގައި ކުރު މެދުކެނޑުމެއް ބޭއްވުން: ޖެހިޖެހިގެން މާ ގިނަ މަސައްކަތްތައް ނުވަތަ ބައްދަލުވުންތައް ތާވަލުކުރުމުގެ ބަދަލުގައި، ކޮންމެ ކަމެއްގެ ދެމެދުގައި 5 އާއި 10 މިނެޓާ ދެމެދުގެ ހުސް ވަގުތުކޮޅެއް ބާއްވަންވާނެއެވެ. މި ވަގުތުކޮޅުގެ ތެރޭގައި ހިނގާލުމާއި، ފެންފޮދެއް ބޯލުން ފަދަ ކަމެއް ކުރުމުން ސިކުނޑި ހަމައަކަށް އެޅި، ދެން ކުރަން އޮތް ކަމަކަށް ތައްޔާރުވެވެއެވެ.

ޓެކްނޮލޮޖީގެ އެހީ ހޯދުން: ހުރިހާ ކަމެއް ހަނދާނުގައި ބެހެއްޓުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފޯނުގެ ކަލަންޑަރާއި ރިމައިންޑާތައް ބޭނުންކުރާށެވެ. ބިލް ދެއްކުމާއި ބައްދަލުވުންތައް ފަދަ ތަކުރާރުވާ ކަންކަން އޮޓޮމެޓިކުން ހަނދާންކޮށްދޭ ގޮތަށް ހެދުމުން، ހަނދާން ނެތިދާނެތީ ކުރަންޖެހޭ ފިކުރު ކުޑަވެގެންދެއެވެ.

ސިކުނޑީގެ ދުޅަހެޔޮކަމަށް "SWANS" އުކުޅު

އެމެރިކާގެ ތަޖުރިބާކާރު ޑޮކްޓަރު ތާރަކާ ތައާރަފުކުރެއްވި އެސް.ޑަބްލިޔު.އޭ.އެން.އެސް "SWANS" އެކްރޮނިމަކީ ސިކުނޑީގެ ފުސްކަން ކަނޑުވައިދޭ މުހިންމު އާދަތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ:

S (ނިދި): ފުރިހަމަ ނިދި ހޯދުން.

W (ފެން): ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިން.

A (ހަރަކާތްތެރިވުން): ގަވާއިދުން ކަސްރަތު ނުވަތަ ހަރަކާތްތެރިވެ އުޅުން.

N (ކާނާ): ފައިދާހުރި ކާނާ ބޭނުންކުރުން.

S (ސްޓްރެސް މެނޭޖްކުރުން): ސިކުނޑި ނުތަނަވަސްކޮށް، މީހާ ސްޓެރެސްވާ ކަންކަމުން ދުރުހެލިވުން.

ދީނީ ނަޒަރަކުން ބްރެއިން ފޮގަށް އޮތް ހައްލު

އިސްލާމްދީނަކީ އިންސާނާގެ ނަފްސާނީ އަދި ރޫޙާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަންދޭ ދީނެކެވެ. ބްރެއިން ފޮގް ފަދަ ކަންކަމުން ސަލާމަތްވުމަށް ދީނީ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި:

ނަމާދު ގާއިމުކުރުން: ނަމާދަކީ ސިކުނޑިއަށް ލިބޭ އެންމެ ބޮޑު ހަމަޖެހުމެވެ. ނަމާދުގެ ތެރޭގައި ލިބޭ ހިތްހަމަޖެހުމާއި ޚުޝޫޢަތްތެރިކަމަކީ ސިކުނޑީގެ ނުތަނަވަސްކަން ފިލުވައިދޭ ކަމެކެވެ.

ޤުރުއާން ކިޔަވައި ޛިކުރުކުރުން: الله ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބޭނެކަން ޤުރުއާނުގައި ބަޔާންވެގެންވެއެވެ. "أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ" (ހިތްތައް ހަމަޖެހެނީ الله ހަނދުމަކުރުމުންނެވެ).

ދުޢާކުރުން: ހާސްކަމާއި ފިކުރުތަކުން ސަލާމަތްވުމަށް ކީރިތި ރަސޫލާ ﷺ ދަސްކޮށްދެއްވާފައިވާ ދުޢާތައް ކިޔުމަކީ ނަފްސާނީ ބަލިތަކުންނާއި ސިކުނޑީގެ ވަރުބަލިކަމުން ސަލާމަތްވުމަށް އޮތް ބާރެކެވެ.

ތަވައްކަލުކުރުން: ކަންކަމުގައި الله އަށް ވަކީލުކުރުމަކީ އިންސާނާގެ ބޮލުގައި އެޅިފައިވާ ބޮޑެތި ފިކުރުތަކުން ލުއިކަން ހޯދައިދޭނެ ސިފައެކެވެ.

ބްރެއިން ފޮގް އަކީ ދިރިއުޅުމުގެ އާދަތަކަށް ގެނެވޭ ކުދިކުދި ބަދަލުތަކުން އަރައިގަނެވޭނެ ކަމެކެވެ. ޞިއްޙީ ތަޖުރިބާކާރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގެ އިތުރުން، ދީނީ ކަންކަމަށް ސަމާލުކަންދީގެން ރޫޙާނީ ހަމަޖެހުން ހޯދުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެންމެ ރަނގަޅު ގޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
20 Sep 2026 ލައިފްސްޓައިލް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކު...

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ
13 Sep 2026 ދުނިޔެ

ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު: ދިރާސާ

ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއ...

އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި މޭނުބައިކޮށް، ބޯއަނބުރާ މައްސަލައަށް އޮތް ހައްލެއް؟
07 Aug 2026 ލައިފްސްޓައިލް

އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި މޭނުބައިކޮށް، ބޯއަނބުރާ މައްސަލައަށް އޮތް ހައްލެއް؟

ނިއުޔޯކް ސިޓީގެ ކާރޫބާރޫ ބޮޑު ސަބްވޭތަކުން ދަތުރުކުރާ މީހުންނަށް، ގިނަ ބައެއްގެ ފޯނުތަކުން ފާހަގަަކުރެވޭ އާދަޔާޚިލާފު ކަމެއް އޮންނަ ކަމަށްވެއެވެ. އެއީ ފޯނުގެ ސްކްރީނުގެ އަރިމަތީގައި "ނަށަމުންދާ" ކުދިކ...

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
07 Aug 2026 ދުނިޔެ

އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފ...

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
27 Jul 2026 ލައިފްސްޓައިލް

ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ ސްކްރީންތަކުގެ ކުރިމަތީގައެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ކަންބޮޑުވަނީ ފޯނާއި ކޮމްޕިއުޓަރުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކ...

ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟
26 Jul 2026 ލައިފްސްޓައިލް

ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟

ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް، އެކުގައި އުޅޭ އެހެން މީހުން ދޫކޮށްލުމަށްފަހު ވަކި މީހެއްގެ ގައިގައި މާ ގިނައިން މަދިރި ހަފާ މައްސަލައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އ...