ހިޔާވަހި ލޯން ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އަރިހަށް، ލިބުނީ ރައީސް ކަނޑައެޅުއްވި ގޮތަކަށް ނޫން
އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ނުވަތަ އަޅާފައި ހުރި ގެއެއް މަރާމާތުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން ލޯނު ލިބުނު މީހަކު، ލޯނުގެ ގޮތުގައި ދޫކުރި މިންވަރާ އަދި ލޯނު ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާކޮށްފި އެވެ.
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވި މީހަކު ވަނީ އެ ސްކީމުގެ ދަށުން އަތޮޅުތެރޭގައި އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޭން ނިންމި ނަމަވެސް އެ އަދަދަށް ފައިސާ ހަރަދުވާ މަސައްކަތަކަށް ދޫކުރީ ހަ ލައްކައެއްހާ ރުފިޔާކަން ފާހަގަކޮށްފަ އެވެ. އެކަމުގެ ސަބަބުން އިމާރާތް ނުނިމި ބޮޑު ލޯނެއްގެ ޒިންމާ ނަގަން ޖެހުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ލޯނު ހަމަޖެހުނުތާ އެތައް ދުވަހެއްވީއިރުވެސް ލޯނު ނުލިބި ލަސްވުމުން އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރި އެވެ.
އޭނާގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ އެފަދަ ކަމެއް ކުރީން ސަމާލު ކަމަށް އައިސްފައިނުވާ ކަމަށެވެ. އަދި އެ ލޯނު އެ ހަމަޖެހުނީ އެމަނިކުފާނު ކަނޑައެޅުއްވި ގޮތަށް ނޫން ކަމުގައި ވިދާޅުވި އެވެ.
"ކުރީން ތިކަަހަލަ ކަމެއް ސަމާލު ކަމަށް އައިސްފައިވާ ނުވާ ކަމަށް. ޔަގީނުންވެސް އަޅުގަނޑު ކަނޑައެޅި ގޮތަކަށް ނޫން ތި ހަމަޖެހިފައިވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެއް މިލިއަންގެ ބަދަލުގައި ހަ ލައްކައެއްހާ ލިބުނީ ލިބޭ އިންކަމަށް ބަލާފައިތޯ ނޫނީ ކިހިނެތް ވެގެންތޯ ސާފުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޮންނަ ފުރުސަތުގެ ތެރެއިން އިތުރު ފައިސާ ދެވޭނެ ގޮތެއް އޮތްތޯ ބަލައްވާނެ ކަމަށް ވިދާޅުވި އެވެ.
"ރަނގަޅު ހައްލެއް ލިބެން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރަން. އަޅުގަނޑު ތިކަން ބަލާނަން،" ރައީސް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް