ޢާޒިމާ، ހުޅުމާލޭގައި ދޮރުން ދޮރަށް؛ އެންމެންގެ ކަންބޮޑުވުންތައް އެންމެ ގާތުން!
މާލެސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރ ކަމުގެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ، ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރު، ކެންޕެއިނަށް ހުޅުމާލޭ ދޮރުން ދޮރަށް ހިންގަވައި، އާންމުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވައިފިއެވެ.

އިއްޔެ ހަވީރު ފެށުނު މި ކެންޕެއިން ހަރަކާތްތައް ނިންމާލާފައިވަނީ ރޭގަ ވަގުތެއްގައެވެ. މިހަރަކާތުގެ ތެރެއިން ޢާޒިމާ އާއި އެބޭފުޅާގެ ކެންޕެއިން ޓީމު ވަނީ ވަރަށް ގިނަ ބަޔަކާއި ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އައްސަވާފައެވެ.

އެގޮތުން، ހުޅުމާލޭ ހިޔާ ސަރަހައްދަށާއި، އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނާއި، މަގުމަތީގެ އިތުރުން އާބަންކޯގެ ބޭފުޅުންނާއި ޢާޒިމާ ވަނީ ބައްދަލުކުރައްވާފައެވެ.

އަދި ހަމައެހެންމެ، މަގުމަތިން ދިމާވި މީހުންނާއި، ގޭގެއަށް ޒިޔާރަތްކުރައްވައިގެންވެސް އާއްމުންނާއި ބައްދަލު ކުރައްވައި، އެފަރާތްތަކުގެ ހުރި ޝަކުވާތައް ޢާޒިމާ ވަނީ އައްސަވާފައެވެ.


ހުޅުމާލޭގައި މި ބޭއްވުނު ކެންޕެއިން ހަރަކާތުގެ އިތުރުން ހޯމަ ދުވަހު ޢާޒިމާ އާއި ކެންޕެއިން ޓީމުން ވަނީ ވިލިމާލޭގައި ވެސް ކާމިޔާބު ކެންޕެއިން ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ އާއްމުންނާ ޢާޒިމާ ބައްދަލު ކުރައްވާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް