ކެމްޕެއިނާ ދީމާކޮށް އެޗްޑިސީއަށް ވެއްދި މުވައްޒަފުންނަށް އިތުރު 4 މިލިއަން ރުފިޔާ ހަރަދުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ތަނުގެ މުވައްޒަފުން އިތުރު ކުރުމުގެ ސަބަބުން މި އަހަރު ފެށުނުއިރު 9.7 މިލިއަނުގައި ހުރި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުސާރަ 12.8 މިލިއަން ރުފިޔާއަށް އިތުރު ވެފައިވާކަމުގެ މައުލޫމާތު ވޮއިސްއަށް ލިބިއްޖެއެވެ.
ވޮއިސް އެމވީ އަށް ލިބުނު މައުލޫމާތު ތަކުން އިނގޭ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު އެޗްޑީސީގެ މުސާރައަށް ދާ ހަރަދަ 9.7 މިލިއަން ރުފިޔާގައި ހުރި އިރު ޖެހިގެންއައި ފެބްރުވަރީ އަދި މާރިޗު މަހު އެ އަދަދު ވަނީ 10 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ރަމަޝާން މަހުގެ އިނާޔަތްތަކާއެކު އޭޕްރިލް މަހު 15.8 މިލިއަން ރުފިޔާ މުސާރައަށް ހަރަދުވެފައިވާއިރު 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 200 އެތައް މުވައްޒަފުންނެއް އެޗްޑީސީއަށް ވައްދާފައިވާކަންވެސް ފާހަގަކުރެވެއެވެ.
ތަނުގެ މުވައްޒަފުންގެ ބޯނަސްއަށް އެރި 15 މިލިއަން ރުފިޔާއާއެކު ޖުމްލަ 28.2 މިލިއަން ރުފިޔާ އެޗްޑީސީއިން ވަނީ އޯގަސްޓް މަހު މުސާރައިގެ ގޮތުގައި ހަރަދުކޮށްފައެވެ.
އަހަރު ފެށިގެން ރިޔާސީ އިންތިހާބު އޮތް ސެޕްޓެންބަރު މަހުގެ ނިޔަލަށް ކެމްޕެއިން ކުރުމުގެ ބޭނުމުގައި އެޗްޑީސީއަށް ވެއްދި މުވައްޒަފުންނަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަމަށް ކުންފުނީގެ ހިސާބުތަކުން ދައްކައެވެ.
މި ވާހަކަތައް ފެންމަތިވެފައި މިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވި ޕީޕީއެމް އިން އެޗްޑިސީގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ކެމްޕެއިނުގައި ބޭނުން ކުރުމުގެ ސަބަބުން ތަނަގެ މާލީ ހާލަތު ދަށްވެފައިވާ ކަމުގެ ހަބަރުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޑީސީގެ މައްޗައް ކުރެވޭ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކާއެކު އޭސީސީއިން ހާއްސަ ތަހްގީގެއް ފަށާފަވާއިރު ރައީސް ޔާމީންގެ ކެމްޕޭނަށް ގާނޫނާ ހިލާފަށް ފައިސާ ހަރަދު ކޮށްފައިވާ ވާކަމުގެ މައްސަލައެއް އޮޑިޓް އޮފީހަށް ހުށައެޅިފައިވާތީ އެޗްޑީސީގެ ހާއްސަ އޮޑިޓް ރިޕޯޓެއް ހެދުމުގެ މަސައްކަތްވެސް އެ އޮފީހުން ވަނީ ފައްޓާފައެވެ.
ވަރަށް ހެޔޮ އަގެއްގައި ހުޅުމާލެ ފޭސް ދޭކުން 400 ގޯތި ވިއްކަން ހުޅުވާލުމުގެ އެއްބޭނުމަކީ އެޗްޑިސީގެ ކޭޝް ފުލޯ ރަނގަޅު ކުރުންކަމަށް ހައުސިންގ މިނިސްޓަރ މުއިއްޒުވަނީ ވިދާޅުވެފައިވާއިރު ރާއްޖޭގެ ކުނި މެނޭޖްކުރަމަށް އުފައްދައިފައިވާ ކުންފުނި ކަމަށްވާ ވޭސްޓް މެނޭޖްމަންޓް (ވެމްކޯ)އަށް ފީ ނުދައްކާތާ އެތައް ދުވަހެއް ވެފައިވާތީ އެކުންފުނިން ވަނީ އެޗްޑީސީގެ ކުނި ނެގުންވެސް ހުއްޓާލައިފިއެވެ.
އެޗްޑީސީގެ މާލީ ހާލަތު ދަށްވެ އެކަމަށް ލުޔެއް ހޯދުމަށް އެޗްޑީސީއިން ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީއިންވަނީ އެޗްޑީސީއަށް ލޯނުގެ ގޮތުގައި 94 މިލިއަން ރުފިޔާ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް