ޑްރޮގްބާ އާއި އޭނާގެ ރަހުމަތްތެރިޔާ
ޑްރޮގްބާ އާއި އޭނާގެ ރަހުމަތްތެރިޔާ
ކުޅިވަރު 08 Nov 2022 | 06:22

ޑްރޮގްބާ އިސްލާމް ވިކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި!

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ އިސްލާމް ވިކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ޑްރޮގްބާ އިސްލާމްވި ކަމުގެ ވާހަކަ ދެކެވެން ފެށީ، އޭނާ އައިވަރީ ކޯސްޓަށް ދާދިފަހުން ކުރި ޒިޔާރަތުގައި އޭނާގެ މުސްލިމް ރަހުމަތްތެރިންގެ ގެއަކަށް ގޮސް ނަގާފައިވާ ފޮޓޯ ތަކަކާއި ގުޅިގެންނެވެ. އެގޮތުން، އާއްމު ވެފައިވާ ފޮޓޯ ތަކުގައި، އޭނާގެ މުސްލިމް ރަހުމަތްތެރިންނާއި އެކުގައި، ދުޢާ ކުރަން އަތް ނަގާ މަންޒަރާއި، ހަމްދު ކުރާ މަންޒަރު ފެނިގެން ދެއެވެ.

ޑްރޮގްބާ އިސްލާމް ވިކަމަށް ބުނެ ވައިރަލްވި ފޮޓޯ

މި ފޮޓޯތައް އެންމެ ކުރިން ވައިރަލް ވެފައިވަނީ، ޑރ. މުހައްމަދު ސަލާހް ނަމުގައި މީސްމީޑިއާގައި އުޅޭ ޓެކްސަސްގެ ޢިލްމުވެރިއަކު ކުރި ޕޯސްޓަކާއި އެކުގައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ޑްރޮގްބާ އިސްލާމްވިކަމަށް ބުނެފައެވެ. އެތައް މިލިއަން މީހުންނެއް ފޮލޯ ކުރާ އެ ޕޭޖުން އެ ޚަބަރު ޕޯސްޓު ކުރުމާއި އެކު ގިނަ މުސްލިމުންތަކެއް ވަނީ، އެކަމާއި އުފާ ފައުޅުކޮށް ޑްރޮގްބާ އަށް މަރުހަބާ ކިޔާފައެވެ.

އެހެންނަމަވެސް، އެވާހަކަ ދޮގުކޮށް ޑްރޮގްބާގެ ރަސްމީ ޓުވިޓާ އެކައުންޓުން އޭނާ ކުރި ޓުވީޓެއްގައި ވަނީ، އޭނާ ދީން ބަދަލު ނުކުރާކަން އެންމެނަށް ޔާގީން ކޮށްދީފައެވެ. އަދި ރަހުމަތްތެރިޔާގެ ގޭގައި އެ ހިނގައިދިޔަ ކަންކަމަކީ އެހެން ދީން ތަކަށްވެސް އޭނާ އިހްތިރާމް ކުރާތީ، އެމީހުންނާއި އެއްބައި ވުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެޕޯސްޓާއި ގުޅިގެން އޭނާއަށް ލިބެމުންދިޔަ ތަހުނިޔާ އާއި، ދުއާ ތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޑްރޮގްބާ އަކީ ކްރިސްޓިއަން ދީނަށް ނިސްބަތްވާ ދީންވެރި ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

ފުޓްބޯޅަ ކުޅުންތެރިންނާއި، އެނޫންވެސް ދާއިރާ ތަކުގައި އުޅޭ މަޝްހޫރު ބައެއް މީހުން އެމީހުންގެ ދީން ދޫކޮށް އިސްލާމްދީން ގަބޫލުކޮށް އެކަން އިއުލާން ކުރާ ޚަބަރު ދޭތެރެއިން ފެތުރެއެވެ. އޭގެ ތެރެއިން ބައެއް ޚަބަރުތައް ދޮގު ނަމަވެސް އަނެއް ބައި ޚަބަރުތަކަކީ ތެދު ޚަބަރުތަކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް