ލެވަނޑޮސްކީ ގޯލަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ: ޔޫރަޕާ ޕްރެސް
ލެވަނޑޮސްކީ ގޯލަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ: ޔޫރަޕާ ޕްރެސް
ކުޅިވަރު 11 Sep 2022 | 06:35

ލަލީގާ: ކާޑިޒް ބަލިކޮށް ބާސާއިން ތާވަލުގެ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ކުޅުނު ފަސްވަނަ މެޗުގައި ކާޑިޒް ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ކާޑިޒްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ގިނަ އައު ކުޅުންތެރިން ތަކަކާއި އެކު މި ސީޒަނަށް ނިކުތް ބާސާއިން އަންނަނީ ވަރުގަދަ ކުޅުމެއް ދައްކަމުންކަން ފާހަގަކުރެވެއެވެ. އެގޮތުން މިހާތަނަށް ބާސާއިން ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ތިން މެޗުގައި އެ ޓީމުން ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމިގެން ދިޔަ ނަމަވެސް ދެވަނަ ހާފުގެ 10 ވަނަ މިނަޓުގައި ބާސާއަށް ލީޑު ނަގައިދިނީ ފްރެންކީ ޑިޔޯން އެވެ. އޭގެ 10 މިނަޓު ފަހުން ބާސާގެ ދެވަނަ ގޯލު ޖަހައިދިނީ މިހާތަނަށް މި ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ރޮބާޓް ލެވަނޑޮސްކީ އެވެ. މެޗުގެ %70 ބޯޅަ ހިފަހައްޓައިގެން ބާސާ ކުޅެފައިވާއިރު އެ ޓީމުން ދިޔައީ މެދުނުކެނޑި ކާޑިޒްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ބާސާގެ ތިންވަނަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 86 ވަނަ މިނަޓުގައި އަންސޫ ފަޓީ އެވެ. ބާސާގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އުސްމާން ޑެމްބެލޭއެވެ. މި ސީޒަނުގައި ޑެމްބެލޭ ބާސާ ދޫކޮށްލާނެ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް އޭނާ ވަނީ މުސާރަ ކުޑަކުރުމަށް އެއްބަސްވެ ބާސާ އާއި އެކު އައު އެއްބަސްވުމެއްގައި ސޮއެ ކޮށްފައެވެ.

މި މޮޅާއި އެކު ބާސާ ވަނީ ވަގުތީ ގޮތުން ލީގުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން މިއަދު ކުޅޭ މެޗު ކާމިޔާބު ނުކުރެވިއްޖެ ނަމަ އެ ބާސާއިން އެއްވަނައިގައި ދެމިއޮންނާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް