މޫސުމީ މައްސަލަތަކުގައި ސީޝެލްސްއާ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި
މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ސީޝެލްސްއާއެކު މަޝްވަރާކޮށްފިއެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަން ޕިއްލޭއާ ބައްދަލުކުރައްވާ ދެގައުމުގެ ދެމެދުގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާތަކުގައި ދެ ލީޑަރުންގެ މައިގަނޑު އަމާޒަކަށް ވެވަޑައިގެންނެވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާއި ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދުމުގެ މުހިންމުކަމުގެ މައްޗަށެވެ.
އަދި ބައިނަލްއަޤުވާމީ މަސްރަޙުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އެކުގައި ވަކާލާތުކުރެއްވުމަށާއި، މޫސުމީ ވިލުންތެރިކަން ހަރުދަނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވަސީލަތްތައް ހޯއްދެވުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގެ ނަމުގައި ބާއްވާ މި ސަމިޓުގެ ހަރަކާތްތައް ކުރިއަށް ދަނީ މި މަހުގެ ނުވައަކުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސަމިޓުގެ ތެރެއިން ދުނިޔޭގެ ވެރިންގެ މަތީ ފަންތީގެ ބައްދަލުވުންތައް ތާވަލުކޮށްފައި ވަނީ މި މަހުގެ 11 އިން 12 އަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް