މޯލްޑިވިއަނުން ޗެންދޫއަށް ދަތުރުކުރާ ފްލައިޓު ލަސްވުމުން ބައެއް ފަސެންޖަރުން ހިތްހަމަ ނުޖެހި ހަމަނުޖެހުމަކަށް
ޗައިނާގެ ޗެންދޫއަށް ފުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ފުރާ ގަޑި ވަރަށް ބޮޑަށް ލަސްވުމުން ފުރަން ތިބި ފަސިންޖަރުންނާއި ފުލުހުންނާ ދެމެދު މިއަދު ހަމަނުޖެހުމެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކައުންޓަރުކައިރީ ތިބި ބައެއް ފަސެންޖަރުން ރުޅިގަދަވުމުން ފުލުހުން ވަނީ އެމީހުން ކޮންޓްރޯލްކުރަން މަސައްކަތްކޮށްފައެވެ. އެވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ފެނިގެންދިޔައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފްލައިޓެއް ފުރާ ގަޑި ލަސްވި ސަބަބުން ފަސިންޖަރުންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުމާ ގުޅިގެން، ފުލުހުން އެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ލަސްވެފައި ވަނީ ޗެންދޫއަށް ދަތުރުކުރުމަށް ތާވަލުކޮށްފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކަމަށެވެ. ފްލައިޓު ލަސްވި ވަގުތު ފަސިންޖަރުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
"ފްރަސްޓްރޭޝަންސް ހުންނާނެ ދެއްތޯ ލަސްވާއިރުގައި، މޭޖާ އިންސިޑެންޓެއް ނެތް." އެމްއޭސީއެލުން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި ފްލައިޓު ލަސްވި ނަމަވެސް ބޮޑު ހާދިސާއެއް ހިނގައިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް