މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި ކަން ހިނގި ގޮތް ލިޔުމުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ. ބައްދަލުވުމުގައި ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވީ ބޯޑު މެންބަރުން ވަކިކުރުމަކީ މައްސަލައިގެ ނިމުން ކަމަށް ބެލެވެން ނެތް ކަމަށެވެ. އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށެވެ. އެ ހުށަހެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރައްވައި، ބޯޑުގެ މެންބަރުން މިހާރު ނެތުމުން ލިޔުމުން ޖަވާބު ހޯދުމަށް ހުށަހެޅުއްވިއެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ އިއްތިފާގުންނެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ ޕެރޯލް ބޯޑުން ނުރަނގަޅު ނިންމުމެއް ނިންމި ބައެއްގެ މައްޗަށް ހަމައެކަނި ވަކިކުރުމަކީ ފުދޭ ހައްލެއް ނޫން ކަމަށެވެ.
"އެ މީހަކު ހަވާލުވާ ޒިންމާއެއްގައި ކުށްވެރި ވަންޏާ ކުށްވެރިވާން. ނޫނީ ޖޫރިމަނާވަންޏާ ޖޫރިމަނާވާން. އެ ޒިންމާއާ ދެވަނަ ފަަހަރު ހަވާލު ނުކުރެވޭނެ ގޮތަކަށް ކަންކަން ކުރެވެންޖެހޭ. ވަކިކުރި ބޯޑުގެ މެމްބަރުންނާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅެއް އަޅަންޖެހޭ." ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި ޕެރޯލް ބޯޑަށް އާ މެންބަރުން އައްޔަންކޮށް، ބޯޑުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް