ސައޫދީގެ ވެރިރަށް ރިޔާދުގައި ބޭއްވި 17 ވަނަ އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން ސައޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މި މަހުގެ 11 ވަނަ ދުވަހު ބޭއްވި 'އިންޓަނޭޝަނަލް އެނަރޖީ ފޯރަމް' (އައިއީއެފް) ގެ 17 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މި މުހިންމު ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޢާވިޔަތު މުޙައްމަދެވެ.
މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރު ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވިދާނެ ހަރުދަނާ ސިޔާސަތުތަކާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، ދުރު ރާސްތާގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ހަކަތައިގެ ދާއިރާއަށް ބޭނުންވާ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތަކާއި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނާއި، ޚިދުމަތްދޭ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ޢިލްމީ ތަޖުރިބާތަކެއް ޙިއްޞާކުރެވިގެންދިޔަ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ޖަޒީރާވަންތަ ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމަކީ ހަކަތައިގެ ޚިދުމަތް އެއްހަމައެއްގައި ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަށް ވީނަމަވެސް، ރައްކާތެރި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ދަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް 33 އިންސައްތައަށް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް