އައިޒެންކޮޓް-
އައިޒެންކޮޓް-
ދުނިޔެ 16 Nov 2026 | 08:34

އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ނަތަންޔާހޫ މަގާމުން އިސްތިއުފާދޭންޖެހޭ: އައިޒެންކޮޓް

އޮކްޓޫބަރު 27 ގައި ބޭއްވި އިސްރާއީލުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެން، ބެންޖަމިން ނަތަންޔާހޫ އަށް ބޮޑުވަޒީރު ކަމުގައި އިތުރު އެންމެ މިނެޓަކުވެސް ނުހުރެވޭނެ ކަމަށް އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް ބުނެފިއެވެ.

އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓް މިހެން ބުނީ، ދެ ފަރާތް ގުޅިގެން ސަރުކާރެއް ހެދުމާ ބެހޭ ގޮތުން ނަތަންޔާހޫގެ ލީކުޑް ޕާޓީ އާއި އޭނާގެ ޔާޝާރް ޕާޓީގެ މަންދޫބުން ބައްދަލުކުރިފަހުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންތިޚާބުގެ ކުރީ ދުވަހު ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އިދޯ ނޯޑަން ވަނީ ޔުނައިޓެޑް އަރަބް ލިސްޓް (ރާމް) ޕާޓީގެ މެންބަރުންނާ ދެކޮޅަށް ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފައެވެ. އަދި ނަތަންޔާހޫގެ އޮފީހުގެ ކުރީގެ މުވައްޒަފެއް މެދުވެރިކޮށް ދޮގު ޖާސޫސީ މައުލޫމާތުތަކެއް ދީ، ވޯޓު ގަންނަން އުޅުނު ކަމުގެ ތުހުމަތުގައި އެއްވެސް ކޯޓު އަމުރަކާ ނުލައި ރާމް ޕާޓީގެ ތިން މެންބަރެއްގެ ގެ ބަލައި ފާސްކޮށް، އެ މީހުން ހައްޔަރު ކުރުވިއެވެ. ނަމަވެސް އެ މައުލޫމާތުގައި އެއްވެސް ހަގީގަތެއް ނެތްކަން އެނގުމުން ފަހުން ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.

މީގެ އިތުރުން، އިންތިޚާބު ދުވަހު ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލް ޕާލަމެންޓް ފަސް މެންބަރެއްގެ ފޯނު ޓެޕްކުރަން ޝިން ބެޓް އެޖެންސީން އެޓާނީ ޖެނެރަލްގެ ކިބައިން އެދުނު ނަމަވެސް އެ ހުއްދަ ނުދިން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އައިޒެންކޮޓް ވަނީ މި މައްސަލަ ވަގުތުން ތަހުގީގުކޮށް، ފުލުހުންނާއި ޝިން ބެޓުން ކަން ހިނގި ގޮތް ސާފުކޮށްދިނުމަށް ގޮވާލާފައެވެ. އަދި ވެރިކަމުގައި ހުރުމަށްޓަކައި ނަތަންޔާހޫ ފަލަސްތީނު މީހުންނާ ދެކޮޅަށް ނަސްލީ އަދި އަނިޔާވެރި ކެމްޕޭނެއް ހިންގި ކަމަށް ވެސް އޭނާ ތުހުމަތު ކުރިއެވެ.

ނަތަންޔާހޫގެ ލީކުޑް ޕާޓީން ވަނީ އައިޒެންކޮޓްގެ މި ވާހަކަތަކަކީ ނަތަންޔާހޫއާ ދެކޮޅަށް ހިންގާ ބޮޑު ފިތުނައެއް ކަމަށް ބުނެފައެވެ.

އިންތިޚާބުގައި އަރަބި ޕާޓީތަކުން ރެކޯޑް އަދަދަކަށް 19 ގޮނޑި ކާމިޔާބު ކުރުމުން، ނަތަންޔާހޫ ވަނީ އެއްވެސް ހެއްކެއް ނެތި އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެފައެވެ. އެކުއެކީގައި ސަރުކާރެއް ހަދަން ނަތަންޔާހޫ ދިން ދައުވަތަކީ އޮޅުވާލުމެއް ކަމަށް އައިޒެންކޮޓް ބުނި ނަމަވެސް، ދެ ޕާޓީގެ ދެމެދުގައި މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި އަދި މިހާތަނަށް ނަތަންޔާހޫގެ ފަޅިއަށްވެސް އަދި އައިޒެންކޮޓްގެ ފަޅިއަށްވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް