އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ އާދަ އަލުން އާލާކުރުމަށް ސަރުކާރުން ފަށާ ގައުމީ މަޝްރޫއުގެ ރަސްމީ ލޯގޯ ހޮވުމަށް އާންމުންގެ ވޯޓު ހޯދަން ފަށައިފިއެވެ.
ވޯޓުލެވޭނީ ފަނޑިޔާރުންގެ ޕެނަލަކުން ޝޯޓްލިސްޓްކުރި 10 ލޯގޯއަށެވެ. ޕެނަލުން އެ ލޯގޯތައް ހޮވީ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު 22 ލޯގޯ ބެލުމަށްފަހު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނެއެވެ.
އާންމުންނަށް ވޯޓުލެވޭނީ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަނުންނެވެ. ވޯޓުލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު، ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަށް 60,000 ރުފިޔާގެ އިނާމެއް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫއު ފައްޓަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެންނެވެ. ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިހްތިރާމްކުރުމުގެ ސިފަ މުޖުތަމައުން ފަނޑުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަކީ މަޝްރޫއުގެ މަގްސަދެވެ. ފަސް އަހަރަށް އަމާޒުކޮށްފައިވާ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ - މުޖުތަމައުގެ ނަފާ" އެވެ.
މަޝްރޫއު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާ ބެހޭ މިނިސްޓްރީ އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ. ހަރަކާތްތައް ބެލެހެއްޓުމަށް ނުވަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ކެމްޕޭން ރައްޔިތުންނާ ހަމައަށް ގެނައުމަށް މިހާތަނަށް ރާއްޖޭގެ 34 މީޑިއާއަކުން މަޝްރޫއުގައި ބައިވެރިވެ ސޮއިކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް