ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން
ސިނަމާލެ ބްރިޖުގެ ޗެކްޕޮއިންޓެއްގައި ޤައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް، ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.
ވަޒީރު މި ޔަޤީންކަން ދެއްވީ، އަނިޔާވި އޮފިސަރުގެ ހާލު ބައްލަވާލެއްވުމަށާއި ހިތްވަރު ދެއްވުމުގެ ގޮތުން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި ވަޒީރުގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ އޮފިސަރުގެ އާއިލާއާ ބައްދަލުކުރައްވައި، މި ދަތި އުނދަގޫ ދަނޑިވަޅުގައި އާއިލާއަށް ހިތްވަރު ދެއްވަމުން ވަޒީރު ވަނީ ސަރުކާރުގެ ފަރާތުން ވެދެވެން އޮތް އެންމެ މަތީ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި އެ އޮފިސަރު ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ. އަދި މުޖުތަމަޢުގެ އަމާންކަމަށްޓަކައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ޤުރުބާނީ ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ބެރިކޭޑުގައި ޖެހި، ކޮންޓްރޯލުން ނެއްޓިގެން ގޮސް އޮފިސަރުގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާއަކީ ޤަޞްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހާމަކުރައްވާފައެވެ.
އަނިޔާވި އޮފިސަރު ޑިއުޓީ އަދާކުރަމުން ދިޔައީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަނުގެ ދަށުން ޤާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް