ފުރަތަމަ ފަހަރަށް ޕީޕީއެމް އާއި ދި ޑިމޮކްރެޓްސް އެކުގައި މުޒާހަރާއަށް!
ފުރަތަމަ ފަހަރަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ދި ޑިމޮކްރެޓްސް އެކުގައި ސަރުކާރާއި ދެކޮޅަށް މަގުމަތީގެ މުޒާހަރާކޮށްފި އެވެ.
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމުން ސިލްސިލާގޮތެއްގައި ފުރަމާލޭގައި މުޒާހަރާ ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ.
އެހެން ނަމަވެސް މިރޭގެ މުޒާހަރާގައި ފެނިގެން ދިޔައީ މީގެ ކުރިން ބަޔަކަށް ހީވެސް ކުރެވިފައި އޮންނާނެ ފަދަ މަންޒަރެއް ނޫނެވެ.

އެގޮތުން މިރޭގެ މުޒާހަރާއަކީ ފުރަތަމަ ފަހަރަށް ދި ޑިމޮކްރެޓްސްގެ ނަމުގައި އެމްޑީޕީން ވަކިވި ފަރާތްތައް އުފައްދަން މަސައްކަތް ކުރާ ޕާޓީއާއި އިދިކޮޅު ޕީޕީއެމް އެކުގައި ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑުއިއްވާލި ރެއެވެ.
ގިނަ އަދަދެއްގެ ބަޔަކު މި މުޒާހަރާގައި ބައިވެރިވިއެވެ. މުޒާހަރާ ފެށިފައިވަނީ ދި ޑިމޮކްރެޓްސްގެ ހަރުގެ ކައިރިންނެވެ. ހަރުގެ ކައިރީގައި ޕޭމަންޓު މަތީގައި ތިބެގެން ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފެށުމާއެކު، އެމީހުން އެތަނުން ފޮނުވާލުމަށް އެސްއޯފުލުހުން ވަނީ އެ ސަރަހައްދަށް އައިސް ހަރަކާތްތެރި ވެފައެވެ.

އަދި އިހުތިޖާޖު ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، މީހުން ހިފާ ހައްޔަރުކުރުމަށް ވެސް މަސައްކަތްކޮށްފަ އެވެ.
އެސްއޯ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ގޮތުގެ ސަބަބުން މަޝްރަހު ހޫނުވެގެން ވެސް ދިޔައެވެ.
މިރޭގެ އިހުތިޖާޖުގައި ޕީޕީއެމްއާއި ދި ޑިމޮކްރެޓްސްގެ އިސްކޮށް ތިއްބަވާ ލީޑަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ދެ ޕާޓީންވެސް ވަނީ މި ވެރިކަން ނިމެނީ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ "ޗޯރެއް" ކަމަށް ގޮވާލާފަ އެވެ.

ޕީޕީއެމްއާއި ދި ޑިމޮކްރެޓްސް އެކުއެކީގައި މުޒާހަރާއަކުން ފެނިގެން ދިއުމަކީ ޔަގީނުން ވެސް ސަރުކާރަށް ދެވޭނެ ވަރަށް ފުން މެސެޖެކެވެ. އެ ދެ ޕާޓީން ވެސް ދަނީ ރިޔާސީ އިންތިޚާބުން ރައީސް ޞާލިހު ބަލިކުރުމަށްޓަކައި ގުޅެން ޖެހުނު ކޮންމެ ބަޔަކާއެކު ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް