އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެހީ އާއި ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަމަށް މާލީ ވުޒާރާއިން ނެރުނު ދައުލަތުގެ ހަރަދު ބަރަދު ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، 43.7 އިންސައްތައިގެ އިތުރުވުމެކެވެ. ރިޕޯޓުން ދައްކާގޮތުގައި މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ ވަނީ 71.8 އިންސައްތަ އިތުރުވެފައެވެ. އެއީ 4.3 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އާސަންދައަށް ކުރި ހޭދަ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23.6 އިންސައްތަ އިތުރުވުމެކެވެ.
ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ތެކުހާއި ފީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން އެހީ އާއި ސަބްސިޑީގެ ހަރަދުގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ހޭދަވިއިރު ރިކަރަންޓް ހަރަދަށް 1.9 ބިލިއަން ރުފިޔާ އަދި ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 8.6 އިންސައްތަ އިތުރުވެ 2.8 ބިލިއަން ރުފިޔާ ހޭދަވެފައެވެ. މީގެ އިތުރުން މުސާރަ އާއި އުޖޫރައަށް ވަނީ 5.6 ބިލިއަން ރުފިޔާ ހަރަދުވެފައެވެ.
ދައުލަތުގެ މިއަހަރުގެ ޖުމްލަ ހަރަދު 35.9 ބިލިއަން ރުފިޔާގައި ހުރިއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 18.3 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރު ހަރަދުތައް އެހާވަރަށް ބޮޑުވި އެއް ސަބަބަކީ ބޭރުގެ ދަރަނިތައް އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހުމެވެ. ލޯނު ދައްކަން އެކަނިވެސް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލޯނު އަދާކުރުމަށް ހޭދަކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް