ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން އޮފީހުގެ ވޭތުވެދިޔަ 17 އަހަރުގެ ދިގު ހަޔާތުގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ ޖުމްލަ 30 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި އެމް.އާރް.ޕީ.އެސް މެންބަރުންގެ ކޮންޓްރިބިއުޝަނާއި އިންވެސްޓްމަންޓްތަކުން ލިބިފައިވާ ފައިދާ ހިމެނެއެވެ. ނަމަވެސް، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އެ އަދަދު ދެގުނަ އިތުރުކުރައްވައި، 60 ބިލިއަން ރުފިޔާއަށް ހެއްދެވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒު ކަމުގައި ޔަޒްމީދު ވިދާޅުވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް، އިންވެސްޓްކުރެވޭނެ އިތުރު ފުރުޞަތުތައް ފަހިކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފައިދާއާއި ނަފާ މެންބަރުންނަށް ލިބޭނެ ފަދަ އިންތިޒާމެއްގެ ދަށުން ޕެންޝަން އޮފީހުގެ ހިންގުން ތަރުތީބުކުރައްވާފައިވާ ކަމަށްވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން އަދިވެސް ސްކީމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރައްވައި، އެފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަން ޔަޒްމީދު ހާމަކުރެއްވިއެވެ. އަދި ޕެންޝަން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ނުދައްކާ ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހުރިކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ހޯދައި، ރިކަވަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ހިނގާލުމަކީ މާލީ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތައް ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ބޭއްވުނު ހަރަކާތެކެވެ. މީގެއިތުރުން، މުޅި މުޖުތަމަޢާއި ޢާއިލާތައް އެކުވެރިކަމާއެކު އެއްތަނަކަށް އެއްވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތުވެސް މި ހަރަކާތުގެ ސަބަބުން ވަނީ ފަހިވެފައެވެ.
ސީއީއޯ ޔަޒްމީދުގެ ވާހަކަފުޅުގައި ވަނީ، މިފަދަ މުހިންމު ހަރަކާތެއް ހަނިމާދޫގައި ކާމިޔާބުކަމާއެކު ބޭއްވުމުގައި ހަނިމާދޫ ކައުންސިލާއި، އެ ރަށުގެ އެކި މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް