ލަންކާ ފުލުހުންގެ ޔުނިފޯމަށް ބަދަލު ގެންނަނީ؛ ކެނެޑާގެ ޔުނިފޯމާ އެއްގޮތް ޑިޒައިނަކަށް ވެދާނެ: ރިޕޯޓް
ސްރީލަންކާގެ ފުލުހުން މިހާރު ބޭނުންކުރަމުން އަންނަ ޔުނިފޯމު ބަދަލުކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ފަށައިފިއެވެ.
އެ ގައުމުގެ "ޑެއިލީ ނިއުސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލަށް ތައާރަފުކުރުމަށް ވިސްނަމުންދާ ޔުނިފޯމުތަކުގެ ތެރޭގައި ހިމެނެނީ އަޅި ކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ފަޓުލޫނެކެވެ. މިއީ ކެނެޑާގެ ފުލުހުން ބޭނުންކުރާ ޔުނިފޯމާ ވަރަށް އެއްގޮތް ޑިޒައިނެއް ކަމަށް ވެސް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ އިދާރާގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ނޫހުގައި ބުނެފައިވަނީ، މިއީ އާ ޔުނިފޯމަށް ހުށަހެޅިފައިވާ ޑިޒައިންތަކުގެ ތެރެއިން ބަލަމުންދާ އެއް ގޮތް ކަމަށެވެ. އަދި މި އާ ޔުނިފޯމު ރަސްމީކޮށް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ، 2027 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތައް ހިމެނޭ ގޮތަށް ފުލުހުންގެ ޔުނިފޯމު ޒަމާނީ ކުރުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި އާ ޔުނިފޯމު ފަރުމާކުރެވިގެންދާނީ ލަންކާގެ މޫސުމާ ގުޅޭ އަދި މަސައްކަތަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ.
މިކަމާ ގުޅޭގޮތުން ލަންކާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕްރިޔަންތަ ވީރަސޫރިޔަ ވިދާޅުވީ، ފުލުހުންގެ ޔުނިފޯމު ބަދަލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، މިހާރު އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސްރީލަންކާގެ ފުލުހުން މިހާރު ބޭނުންކުރަމުން އަންނަނީ އިނގިރޭސި އިސްތިއުމާރީ ޒަމާނުގައި ތައާރަފުކުރި "ކާކީ" ކުލައިގެ ޔުނިފޯމެކެވެ. ނަމަވެސް، މި ޔުނިފޯމަކީ ބޯ ފޮއްޗަކުން ފަހާފައިވާ އެއްޗަކަށް ވުމުން، ހޫނުގަދަ މޫސުމުގައި މަސައްކަތްކުރަން އުނދަގޫވެ، ދަތިތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް