ޗައިނާގެ އަސްކަރީ ތަމްރީންތަކަކީ ބިރު ދެއްކުމަށް ކުރާ ކަމެއް: ޓައިވާން
މިމަހުގެ ކުރީކޮޅު ޓައިވާން ކައިރީގައި ޗައިނާއިން ހިންގި އަސްކަރީ ތަމްރީނުތަކަކީ ޓައިވާނަށް ބިރު ދެއްކުމުގެ ގޮތުން ހިންގި ތަމްރީނުތަކެއްކަމަށް ޓައިވާނުގެ އޮފިޝަލުން ސިފަކޮށްފިއެވެ.
ޓައިވާން ސަރަހައްދުގައި ޗައިނާއިން މިމަހު ހިންގި ތަމްރީނުތަކުގައި 100 އަށްވުރެ ގިނަ އަސްކަރީ އަދި ކޯސްޓްގާޑް އުޅަނދުތައް ބޭނުންކޮށްގެން، ޓައިވާނާއި އެހެން ތަންތަނަށް ހަމަލާދޭނެ ގޮތުގައި ތަމްރީނުތަކެއް ހެދިކަމަށް ޓައިވާން އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ވަކިވެގަނެގެން އުޅޭ ޗައިނާގެ ޕްރޮވިންސެކެވެ. އަދި ޓައިވާނަކީ ޗައިނާގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ހަދާނެކަމަށް ޗައިނާއިން ދެމުން އަންނަ އިންޒާރުތައް މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭ އިތުރުވެފައިވާއިރު، މިހާރުވެސް ނުތަނަވަސްކަން ބޮޑުވެފައިވާ އެސަރަހައްދުގައި ހަމަނުޖެހުން ހިނގަން ފަށާފާނެކަމުގެ ބިރު އެބައޮތްކަމަށް ހުޅަނގުގެ ޤައުމުތަކުން ދަނީ ބުނަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ހަދާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެހެންނަމަވެސް އެކަން ކުރަން ބާރުގެ ބޭނުންކުރައްވާނެކަމަށް ވިދާޅެއް ނުވެއެވެ.
ޓައިވާނުން ބުނާ ގޮތުގައި މިފަހަރު ޗައިނާއިން ހިންގި އަސްކަރީ ތަމްރީނުތަކަކީ މިދިޔަ އަހަރު ޗައިނާއިން ރަސްމީކޮށް ބޭއްވި ތަމްރީނުތަކަށްވުރެވެސް ފުޅާކޮށް ބޭއްވި ތަމްރީނުތަކެއްކަމަށެވެ. މިފަހަރުގެ ތަމްރީނުތަކުގައި ޗައިނާގެ ސަބްމެރިންތަކުން ވަނީ ޔެލޯ ސީ އިން ޗައިނާ އާ ދިމާއަށް ޓެސްޓް މިސައިލްތަކެއްވެސް ފޮނުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް