ދީނާ މިނިވަންކަމާ ބުރޫއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭ: ރައީސް
އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި، ދިވެހިން ޤަބޫލުކުރާ ކަންކަމާއި ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭކަމަށާއި ރާއްޖޭގައި އިންވެސްޓްކުރާނީވެސް އެފަދަ ހަމަތައް ޤަބޫލުކުރާ ފަރާތްތަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ ގެދޮރުވެރިކަމަށް ސަރުކާރުން މިހާތަނަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރަސްމާލެއާ ބެހޭ ގޮތުން ދެކެވޭ ވާހަކަފުޅުތަކަށް ބައްލަވާލައްވާފަ އެވެ. އެގޮތުން، އެއީ ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އިދިކޮޅު ވިސްނުން ގެންގުޅޭ ފަރާތްތަކުން ފަސޭހަކަމާއެކު ކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ ދިވެހިން ޤަބޫލުކުރާ ހަމަތަކަށް އިޙްތިރާމްކުރާ ފަރާތްތައް ކަމަށާއި އެކަންކަން ޤަބޫލުނުކުރެވޭ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތެއް ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިން ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ބުރޫ އަރާނޭ ކަންކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މިކަންކަމަކީ ވަރަށް ސާފުކޮށް ބަޔާންކޮށް، އެސްޓޭންޑެއްގައި މިސަރުކާރުން ހިފަހައްޓާފައިވާ ސްޓޭންޑެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަދި، އެކަންކަމުގައި ޝައްކު އުފައްދާ، ނުރަނގަޅު ތަޞައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫން ކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް