ހަފްތާއެއްތެރޭ މަކާރާ ހީލަތުން 600،000ރ ފޭރިއްޖެ، ހަތަރުލައްކަ ހޯދައިފި
ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ފުލުހުން މިއަދު ވަނީ އެ މުއްދަތުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކާއި އެ މައްސަލަތަކާއި ގުޅޭ ތަފްސީލް ހާމަކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަތަކުގައި ގެއްލުނު 630,573.34 ރުފިޔާގެ ތެރެއިން 402,658.34 ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން ރިޕޯޓުކުރެވުނު 38 މައްސަލައިގެ ތެރެއިން އެ ބާވަތުގެ 13 މައްސަލައެއް ހިމެނެ އެވެ.
ދެން އެންމެ ގިނައީ ހުއްދަނެތި ހިންގާފައިވާ މުޢާމަލާތްތަކާއި ގުޅޭ މައްސަލަ އެވެ. އެ ބާވަތުގެ ނުވަ މައްސަލައެއް ވަނީ ހުށައަޅާފަ އެވެ.
ފުލުހުން ބުނީ ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ މައްސަލަތައް އަދިވެސް ދަނީ ފާހަގަކުރެވެމުންނެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ސައްހަނޫން (ފޭކް) ޕޭމަންޓް ސްލިޕްތަކެކެވެ. ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްކުރުމެއް ނެތި ރީފަންޑް ދިނުމުގެ ސަބަބުން، އެ ފައިސާ އެކައުންޓަށް ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުންނެވެ.
އެހެންކަމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ، އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހަނދާންކޮށްދީފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް