ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފި
ޕޯޗުގަލްގެ ތާރީޚުދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަގެ ފާޑުކިޔުންތަކާ ގުޅިގެން، އެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ރައްދުދީފިއެވެ.
ނޭޝަންސް ލީގުގައި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އުމުރުން 72 އަހަރުގެ ޖީސަސް ބުނީ، އަންނަ އަހަރު ވެސް އޭނާއަށް ޖެހޭނީ ރޮނާލްޑޯއާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބުދޭން ކަމަށް ބެލެވޭ ކަމަށެވެ.
"މިހާރު ދެން އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަގެ ވާހަކަތަކަށްވެސް ރައްދުދޭން ޖެހޭތަ؟ އަހަރެންނަކަށް ނޭނގެ މިކަން ނިމޭނެ އިރެއް. ކަލޭމެން ސުވާލު ކުރީމާ އަހަރެން ޖަވާބުދޭން ޖެހޭ. ދެން އަންނަ އަހަރުވެސް ރޮނާލްޑޯއާ ބެހޭގޮތުން ސުވާލުކޮށްފި ނަމަ އަހަރެން ޖަވާބު ދޭނަން" ރޮނާލްޑޯގެ މަންމަގެ ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކޮށް ޖީސަސް ބުންޏެވެ.

މި މައްސަލަ ހޫނުވެފައި މިވަނީ، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާކުރި ފަހުން ޕޯޗުގަލް ކުޅުނު މެޗަކުން ފުރަތަމަ ފަހަރަށް ބަލިވުމާ ގުޅިގެންނެވެ. ނޭޝަންސް ލީގުގައި ޑެންމާކް އަތުން 4-1 އިން ޕޯޗުގަލް ބަލިވި މެޗަށްފަހު، ރޮނާލްޑޯގެ މަންމަ ޑޮލޯރެސް އަވޭރޯ ބުނެފައިވަނީ، ޖީސަސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ބަލިވުމުން އޭނާ އުފާކުރާ ކަމަށާއި، އެއީ ކޯޗު ޖީސަސް ރޮނާލްޑޯއަށް އޮޅުވާލާފައިވާތީ ކަމަށެވެ.
ސައޫދީ ޕްރޯ ލީގުގެ އަލް-ނަޞްރުގައި ވެސް ކުރިން ރޮނާލްޑޯއަށް ކޯޗުކޮށްދިން ޖީސަސްއާ ރޮނާލްޑޯގެ ގުޅުން ގޯސްވީ ވޭތުވެދިޔަ ސެޕްޓެމްބަރު މަހު ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ކުޅެން އަރުވާނެ ކަމަށް ބުނެ ވޯމްއަޕް ކުރުވުމަށްފަހު ކުޅެން ނޭރުވުމުން، ޖީސަސް ވައުދާ ޚިލާފުވި ކަމަށް ބުނެ ރޮނާލްޑޯ ވަނީ މައްސަލަ ޖައްސައި، އޭގެ ފަހުން 23 އަހަރުވީ އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރު ނިންމާލާފައެވެ. ރޮނާލްޑޯ ޤައުމީ ޓީމު ދޫކޮށްލީ ދުނިޔޭގެ ރެކޯޑެއް ކަމަށްވާ 234 މެޗުން 146 ލަނޑު ޖަހައިދީފައެވެ.
ޖީސަސް ބުނި ގޮތުގައި ޑެންމާކް މެޗަށްފަހު އެންމެން ވެސް ސުވާލުކުރަނީ ވަކިވަކި ފަރުދުންނާ ބެހޭ ގޮތުންނެވެ.
"އަހަރެމެން ކުޅުނީ އެންމެ ދަށް މެޗެއް. އެފަދަ ނަތީޖާއަކަށް ފަހު ކުރިއަށް ދިއުން އުނދަގޫވާނެ، އެކަމަކު އަހަރެމެން މަސައްކަތް މިކުރަނީ މޮޅުވާން،" ޖީސަސް ބުންޏެވެ.
މި ބައްޔާ ކުރިމަތިލާން ޖެހުމުގެ ކުރިން ޖީސަސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފައެވެ.
މި މައްސަލައިގައި ވާހަކަދައްކަމުން ވޭލްސްގެ ކޯޗު ކްރެއިގް ބެލަމީ ވަނީ ޕޯޗުގަލްގެ މީޑިއާއަށް ފާޑުކިޔާފައެވެ. އަދި، ރޮނާލްޑޯ ކުޅުނުއިރު އޭނާއަށް ފާޑުކިޔުމަށްފަހު، އޭނާ ރިޓަޔާކުރުމުން މިހާރު ހުރިހާ ކަމެއް ގޯސްވެގެން އުޅޭތީ އެކަމާ ހައިރާންވާ ކަމަށް ބުނެފައެވެ. އަދި ރޮނާލްޑޯއަކީ ފުޓްބޯޅަ ތާރީޚުގައި ވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އޭނާގެ މަތިން އެންމެން ވެސް ހަނދާންވާނެ ކަމަށް ބެލަމީ ފާހަގަކުރިއެވެ.
ނޭޝަންސް ލީގުގެ ގްރޫޕް އޭ4 ގެ އެއްވަނަ ކަށަވަރުކުރުމަށްޓަކައި ކާޑިފްގައި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުން ޕޯޗުގަލްއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް