މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ހުރިހާ އެއާޕޯޓެއް ހުޅުވާނަން: ރައީސް ޑރ. މުއިއްޒު
ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، މިހާރު ތަރައްޤީކުރުމުގެ މަރުހަލާގައިވާ ހުރިހާ އެއާޕޯޓެއްގެ މަސައްކަތް އެއްކޮށް ނިންމައި، އޮޕަރޭޓްކުރަން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް އަހަރުތަކެއް ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރު ކަމަށެވެ. އެގޮތުން، އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެހާސް އަށާވީހުގެ މެދުތެރެއަށް ދާއިރުގަ މި ސަރުކާރުން ސޮއިކުރި އަދި މި ސަރުކާރާ ޙަވާލުވި އިރުގަ ހިނގަމުންދާ ހުރިހާ އެއާޕޯޓެއް ނިންމައި، އިރާދަކުރެއްވިއްޔާ ހުޅުވާނަން. އެ ޔަގީންކަން އަޅުގަނޑު ދެން
ރައީސް ފާހަގަކުރެއްވި ގޮތުގައި، ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން މިހާރު ބޭނުންކުރާ 'މަހާ ޖައްރާފު' އަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު އެ ޑްރެޖަރު ރާއްޖެ ގެނައުމުން ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތައް ވަރަށް ބާރަށް ހިނގައިގަންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ބޮޑުހިލަ ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް އެމްޓީސީސީއަށް ބޭރު ފައިސާ ހޯދުމުގެ މަގުފަހިކޮށްދީފައިވާ ކަމަށާއި، ބަލްކުކޮށް ހިލަ އެތެރެކުރަން ފަށާފައިވާތީ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެކަށީގެންވާ ސްޓޮކެއް ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ބަނދަރުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ވެސް އަވަސްވެގެންދާނެއެވެ.
ހަމައެއާއެކު، އާރުޑީސީ އާއި އެމްޓީސީސީ އެއްކޮށްލީ ވިސްނުންތެރިކަމާއެކު ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެއްފަހަރާ އެތައް ރަށެއްގެ މަގުހެދުމުގެ މަސައްކަތްތައް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ފެންނަން ފަށާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް