ހޮންކޮންގ ނޫސްވެރިންގެ ޖަމްއިއްޔާގެ ޕްރެސް އެއް ކުރިއަށްދަނީ
ހޮންކޮންގ ނޫސްވެރިންގެ ޖަމްއިއްޔާގެ ޕްރެސް އެއް ކުރިއަށްދަނީ
ދުނިޔެ 15 Sep 2024 | 16:31

ހޮންކޮންގ ނޫސްވެރިންނަށް އުނދަގޫކުރުން އާއްމުވެއްޖެ

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އަމިއްލަ ވެރިކަމެއްކުރާ ޗައިނާގެ ޚާއްސަ އިދާރީ ސަރަހައްދެއްކަމަށްވާ ހޮންކޮންގުގެ ނޫސްވެރިންނަށް ފުރައްސާރައާއި އުނދަގޫކުރުން އާއްމުވެފައިވާކަމަށް ހޮންކޮންގ ނޫސްވެރިންގެ ޖަމްއިއްޔާއިން ބުނެފިއެވެ.

އެޖަމްއިއްޔާއިން މިހަފްތާ ބަންދުގައި ބުނީ ނިމިދިޔަ ޖޫން މަހުން ފެށިގެން އޮގަސްޓްމަހުގެ ނިޔަލަށް ނޫސްވެރިންނަށް އޮންލައިންކޮށް އަދި އެހެނިހެން ގޮތްގޮތުން އުނދަގުލާއި ފުރައްސާރަކުރުން އިންތިހާއަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން މިމުއްދަތުގެ ތެރޭގައި 15 ނޫސްވެރިޔަކާއި އެމީހުންގެ އާއިލާތަކަށް ފުރައްސާރައާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހުނުކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. އެގޮތުން ނޫސްވެރިންނަށް ބިރުދެއްކުމާއި، އަބުރު ކަތިލުމާއި އަދި ކަނޑައެޅިގެން އެމީހުންނާއި ބެހޭ ގޮތުން ދޮގު ހަބަރު ފެތުރުން އާއްމުވެފައިވާކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.

ނޫސްވެރިންނާއި މީޑިއާގެ އިތުރުން ނޫސްވެރިކަމުގެ ތަމްރީންދޭ ތަންތަނަށްވެސް މި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާކަމަށާއި، އެފަދަ މައުލޫމާތު އެއްކޮށްފައިވާކަމަށް ހޮންކޮންގ ނޫސްވެރިންގެ ޖަމްއިއްޔާއިން ބުނެއެވެ.

ހޮންކޮންގުގެ ނޫސްވެރިންނަށް ބިރު ދައްކަނީ ޗައިނާގެ ވާގިވެރިކަމާއެކު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ގައުމީ ސަލާމަތާއި ބެހޭ ގާނޫނުތަކުގެ ބޭނުންކޮށްގެން ޗައިނާއިން ވަނީ ދާދިފަހުން ހޮންކޮންގުގެ ބައެއް ނޫސްތައްވެސް ބަންދުކޮށްފައެވެ.

ހޮންކޮންގުގެ ނޫސްވެރިންނަށް ކުރިމަތިވަމުންދާ ނުރައްކާތެރި ހާލަތާއި މެދު އިމެއް ނެތް ކަމަށްބުނެ، ނޫސްވެރިންގެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަގްވާމީ މުޖްތަމައުން އެކަމަށް އިތުރަށް ސަމާލުވުމަށް ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް